ވަން ޗައިނާގެ ސިޔާސަތަށް އާނބަސް ވިދާޅުވެ، ޗައިނާއިން ހިލޭ އެހީގެ "ހަދިޔާފުންޏެއް" ހިއްޕަވައިގެން ރާއްޖެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުތަނަވަސްކަމާއި ރުޅިވެރިކަން އިންޑިޔާއަށް އަމާޒުކުރެއްވީ ފައްޗަކަށް އަމުނާ ލެއްވި އާދަލާ ޚިލާފު ބުރަ ވައުދުފުޅު ތަކަކާއެކީއެވެ؛
1 ބެންކޮކާއި ދުބާއީ ފަދަ ގައުމުތަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނަން؛
2. ޔޫރަޕާއި އެމެރިކާ ފަދަ ގައުމުތަކުން ބޭސް ގެނެސް (އިންޑިޔާއަށް ބަރޯސާވުން) ނިމުމަކަށް ގެންނާނަން؛
3. ކާޑުގެ ބާވަތްތައް ތުރުކީ ވިލާތުން ގެނައުމަށް އެއްބަސްވުން ވަނީ ގާއިމްކޮށްފަ؛
މި ވާހަކަތައް އަދި ފަހަށް ބަހައްޓަމާ ހެއްޔެވެ؟ މީގެ ކުރިން ރައީސްގެ ކޮނޑުފުޅުގައި އެޅިފައިވާ އަސާސީ މުހިއްމު ޒިންމާތަކެއް އެބަހުއްޓެވެ. އެއީ އެތައް އާއިލާތަކެއްގެ އަސާސީ ދިރިއުޅުމާއި އެތައް ކުންފުންޏެއްގެ ދިރުމާއި މަރުވުމާ ގުޅިފައިވާ މުހިއްމު ކަންތައްތަކެކެވެ.
ފުރަތަމަ ފަށާނީ ފެނަކައިންނެވެ. ވަކި ސަރުކާރެއް ގޯސްކުރާނެ ކަމެއް ނެތެވެ. އެ ކުންފުނިން ދިވެހި ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ އުޖޫރަ އެތައް ސަތޭކަ މިލިއަނަކަށް އަރައިގެން ގޮސްފައިވާއިރު، އެފައިސާ ލަސްނުކޮށް އޭގެ ހައްގުވެރިންނަށް ދައްކާ ހަލާސްކުރާނެ ގޮތެއް ރައީސް އަދި ވިދާޅެއްނުވެއެވެ. ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން ކަނޑަމުން އެގެންދަނީ ކުންފުނީގެ ރިކަރަންޓް ހަރަދުކުޑަކުރުމަށް ކަމަށް ކުންފުނިން ބުނެފައިވެއެވެ. އެކަމުގެ ސަބަބުންވެސް އެތައް އާއިލާއަކަށް ތަދުވެއްޖެއެވެ. ދަތިވެއްޖެއެވެ. އެހެންނަމަވެސް ގައުމުގެ ހައްގުގައި އެފިޔަވަޅު މި ގަބޫލުކުރަނީ ހިތާ ދެކޮޅަށެވެ.
އެހެންނަމަވެސް ދިވެހި އަމިއްލަ ކުންފުނިތަކަށް ފަރުދުންނަށް ފެނަކަ އާއި ސަރުކާރުގެ މިނޫންވެސް ކުންފުނިތަކުން ދޭން ޖެހޭ ފައިސާ ދީ ހަލާސްކުރަން މަޖުބޫރުވަނީ އެއީ އެކުންފުނިތަކުން ވަކި މުއްދަތެއްގައި ފައިސާ ދައްކާގޮތަށް އެގްރީމެންޓްތަކުން ބެނދެވިފައިވާތީ އާއި އެފައިސާ ނުލިބިދާ ކޮންމެ ދުވަހަކީ ދިވެހި އެތައް ކުންފުންޏަކަށާއި އެކުންފުނީގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާގެ ހާލަތު ދަށަށް ދާނެ ދުވަހެކެވެ. އަގުބޮޑު ގައުމުތަކުން އާސަންދަ ހަމަޖައްސައި ޔޫރަޕާއި އެމެރިކާއިން ބޭސް ގަނައުމުގެ ވާހަކައަށްވުރެ ކުރިން ރައީސް ދައްކަވަންވީ މި ފައިސާ ދައްކާ ހަލާސްކުރާނެ ގޮތެއްގެ ވާހަކައެވެ. އެފައިސާ ދައްކާ ނިންމާނެ ތާރީހެއްގެ ވާހަކައެވެ.
ދައުކަލަތަށް ފައިސާގެ ތާށިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް އިންޑިޔާއިން ދޫކޮށްފައިވާ 700 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮންޑު ފައިސާ ދައްކާ ހަލާސްކުރީ ސަރުކާރުގެ ކުންފުނިތަކުން ދިވެހި ރައްޔިތުންނަށް މިލިއަނުން ފައިސާ ދޭން ޖެހިފައި ވަނިކޮށެވެ. ދިވެހި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބާލާނެ ވަކި ތާރީޚެއް ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުގެ ކުރިން އެކަން ނިންމުމަށް ރައީސް ޑރ. މުއިއްޒު އިންޑިޔާއަށް އެންގެވި ފަދައިން، ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް، ކުންފުނިތަކަށް ދޭން ޖެހި ނުދެވި އެތައް ދުވަހެއް ވެފައިވާ ފައިސާ ދީ ވަކި ތާރީޚެއްގެ ކުރިން ނިންމުމަށް ކުންފުނިތަކަށް، ފިނޭންސް މިނިސްޓްރީއަށް ނޭންގެވީ ކީއްވެތޯއެވެ. ޗައިނާ ރުއްސުމަށް އިންޑިޔާއާ ގުޅިފައިވާ މަސްލަހަތުތައް އަތުފަތު ނުޖެހި އެދަނީ ކުރިއަށެވެ. އެކަމަކު ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާން ވައުދުވެވަޑައިގެން ވެރިކަމުގެ ހުވާކުރެއްވި ފަހުން، މިވީހާ ތަނަށް މަތީގައި ބަޔާންކުރި ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ވާހަކަތަކުގެ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ތަރައްގީވެފައިވާ ގައުމުތަކުން ބޭސްފަރުވާކޮށް ޔޫރަޕާއި އެމެރިކާއިން އަގުބޮޑު ބޭސް ގެނައުމުގެ ކުރިން، މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާކޮޅު ދީ ހަލާސް ކުރަން މިފްކޯއަށް ނޭންގެވީ ކީއްވެތޯއެވެ. ނުވަތަ އެ ކަންކަން ހަލާސްކުރުމަށް ޗައިނާއިން ބަޖެޓް ސަޕޯޓަށް ނުވަތަ އެނޫންވެސް ނަމެއްގައި ލުއި ލޯނެއް ނުހޯއްދެވީ ކީއްވެތޯއެވެ. ލޯނުގެ ވާހަކަ އެހާ މުނާސަބު ނުވި ކަމުގައިވިއަސް އެވާހަކަވެސް ބުނެލަން މިޖެހުނީ ދިވެހި އެތައް ކުންފުންޏެއް ބަނގުރޫޓުވަމުންދާތީއެވެ. އެކުންފުނިތަކުގެ ރިޒާވް ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދީ ލަސްކުރަމުން ގެންދާތީއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ގާއިމްކޮށްފައިވާ އައިސް ޕްލާންޓްތައް ނިމިދިޔަ ސަރުކާރުން ވަނީ ގަނެފައެވެ. އެއްބަސްވުމެއް ހަދައިގެންނެވެ. އެ އެއްބަސްވުންތަކުގައި ފައިސާދައްކާނެ ގޮތުގެ ތާވަލެއްވެސް އޮތީ ހިމަނާފައެވެ. އެކަމަކު އެފަރާތްކަކަށް އަދާ ހަމައަށް މިސަރުކާރުން ދިން އެންމެ ލޯ ލާރިއެއްވެސް ނެތެވެ. މިއީ ޑރ. މުއިއްޒުއާ ވެރިކަން ހަވާލުކުރި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުންގެ ސީދާ ހައްގުތަކެވެ. އެހައްގުތައް އޭގެ ވެރިންނަށް ހަވާލުކުރާނެ ތާރީހެއްގެ ވައުދު، ޗައިނާ ދަތުރުފުޅަށް ފަހު ވިދާޅުވިނަމަ، ދިވެހި ރައްޔިތުން ދެކެ އެމަނިކުފާނުވެލައްވާ ހަގީގީ ލޯތްބާއި ބަހައްޓަވާ ކުލުނުވެރިކަން ފާހަގަވެގެން ދިޔައީހެވެ.
އެންމެ ފަހުން އަޑުއިވުނީ ސަރުކާރެ ކުންފުނިތަކުގެ ތެރެއިން އުވާލަން ޖެހޭ ކުންފުނިތައް އުވާލަން ނިންމި ވާހަކައެވެ. ހަމަ އެއާ ވިދިގެން އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފެއްދުމުގެ ވާހަކައެވެ. މިކަމަށް އާ ކުންފުންޏެއް އުފައްދާކަން ނުޖެހެއެވެ. މިހާރު ހުރި ކުންފުނިތަކުގެ މެންޑޭޓަށް ބަދަލުގެނެސް، މަސައްކަތްތައް އެ މަގަށް ތަރުތީބުކޮށްލުމުން، ކުންފުނިތަކެއް ބެންކްރަޕްސީއަށް ދޫކޮށްލުމަށްވުރެ މާބުއްދިވެރި ނިންމުމަކަށްވާނެކަން ކަށަވަރެވެ.
އަދި އެހެން ހިޔާލެކެވެ. މި ސަރުކާރުން އާދަޔާޚިލާފު ގިނައިން ސްޓޭޓް މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ. އެއީ ދައުލަތުން ކާރުދޭ ގިންތީގައި ހިމެނޭ މަގާމެކެވެ. ހައްދަވަންވީ ގޮތަކީ ސްޓޭޓް މިނިސްޓަރުންނަށް ކާރު ނުދެއްވާ ގޮތަށް ނިންމަވައި، އެކާރުތައް ގަތުމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު، ސަރުކާރުން ދިވެހި ކުންފުނިތަކަށާއި ދިވެހިންނަށް ދަރާފައިވާ ފައިސާގެ ދަރަނި އަދާކުރުމަށް ހާއްސަކޮށްލިއްޔާ މާރަނގަޅުވާނެއެވެ. ރައްޔިތުން އިސްކުރެމަކީ މިއީ ނޫންތޯއެވެ.







