ދަށު ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. މި މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާކޮށްފައިވަނީ އަހުމަދު ކްރިކް ރިޒާއާއި ސަންގެ ދެ ކުންފުނީގެ މައްޗަށެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.







