މާލެ: 31°C

ކޮމަންވެލްތު ލީޑަރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ލީޑަރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
May 5, 2023
2 ފަހަރު ބަލާފައި
ކޮމަންވެލްތު ލީޑަރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރުދުވަހު ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ކޮމަންވެލްތު ލީޑަރސް އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްޞަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާޞަބުވާ ގޮތަށެވެ. މިފަހަރުގެ ކޮމަންވެލްތު ލީޑަރސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުޙަބާ ވިދާޅުވުމަށް ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ޤައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަޤްބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުޞަތުތަކާ ބެހޭގޮތުންނެވެ. މި އިވެންޓަށްފަހު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްޞީލުކުރައްވާ މަންދޫބުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނަ އާއިއެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ