ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު އެއް މުބާރާތް: ރައީސުލްޖުމްހޫރިއްޔާ

ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު އެއް މުބާރާތް: ރައީސުލްޖުމްހޫރިއްޔާ
ލިޔުން:
ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު މިފަދަ އެއް މުބާރާތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ދިޔައީ، ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ކަމަށެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުން ރާއްޖޭގައި އެބަތިބިކަން މި މުބާރާތުން ސާބިތުވެގެން ހިނގައްޖެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށާއި، އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އުފެއްދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ރަން ތާޖު ޤުރުއާން މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އޮތުމަކީވެސް މި މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް ކަމަށެވެ. އަދި މިމުބާރާތުގައި، ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
މިޙަފްލާގައި ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ޙާޞިލްކުރި މުޙައްމަދު ސާއީ މުބާރިކަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މުބާރާތުން 2 ވަނަ ޙާޞިލް ކުރި ފާތިމަތު ތުޤާ ޙަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މުބާރާތުގެ 3 ވަނަ ޙާޞިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އެއްވަނަ ބައިވެރިޔާއަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
