މާލެ: 31°C

ރަމަޟާންމަހު ހެޔޮކަންތައްކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ޙަޔާތުގެ ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެ: އިސްލާމިކު މިނިސްޓަރު

ރަމަޟާންމަހު ހެޔޮކަންތައްކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ޙަޔާތުގެ ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެ: އިސްލާމިކު މިނިސްޓަރު
March 24, 2023
2 ފަހަރު ބަލާފައި
ރަމަޟާންމަހު ހެޔޮކަންތައްކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ޙަޔާތުގެ ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެ: އިސްލާމިކު މިނިސްޓަރު
ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް ތަޤްރީރުކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ﷺ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާންމަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ﷺގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާންމަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށްކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށް ވިދާޅުވިއެވެ. ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ކުރާ ޢަމަލުތަކަކީ މާތްﷲ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްވާންޖެހޭކަމަށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތްﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. މި ފޯރަމްގައި އައްޝައިޚް ޙަސަން ލަޠީފް މޫސާ ވިދާޅުވީ ”ހެޔޮބަދަލަކަށް ރަމަޟާންމަސް” މި މައުޟޫޢަށް ވާހަކަދެކެވޭއިރު އިންސާނުންނަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ބައެއްކަމަށާއި އެންމެ ބޮޑު އަދާވާތްތެރިއަކީ ޝައިޠާނާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވެތިބެގެން ނޫނީ ރަނގަޅު ހެޔޮ ބަދަލެއް އަޅުގަނޑުމެންގެ ޙަޔާތަކަށް ނުގެނެވޭނެކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެކަމަށާއި ރަމަޟާންމަސް އައުމުން މިގޮތަށް ޢަމަލުކުރުމަށްފަހު ރަމަޟާންމަސް ފާއިތުވުމުން އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް އެނބުރިދެވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާންމަހަކީ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭ މަހަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. ޝައިޚްގެ ވާހަކަފުޅުގައި، ރަމަޟާންމަހަކީ ތަޤުވާވެރިވުމުގެ ފުރުސަތުލިބޭ މައްސަރެއްކަމާއި، ފާފަ ފޮހެވުމުގެ ފުރުސަތާއި، އެންމެ ރެއަކުން މުޅި އުމުރުގެ ދަރުމަ ލިބޭ މައްސަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހެޔޮބަދަލެއް ގެނައުމަށް ކުރެވިދާނެކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ