މާލެ: 31°C

ތުރުކީގައި އައިއޭސީން ހިންގަނީ ބޮޑު ހަރަކާތެއް، ދުވާލަކު 50،000 މީހުންނަށް ކާންދޭ

February 19, 2023
2 ފަހަރު ބަލާފައި
ތުރުކީގައި އައިއޭސީން ހިންގަނީ ބޮޑު ހަރަކާތެއް، ދުވާލަކު 50،000 މީހުންނަށް ކާންދޭ
ތުރުކީގައި އައިއޭސީން ހިންގަނީ ބޮޑު ހަރަކާތެއް، ދުވާލަކު 50،000 މީހުންނަށް ކާންދޭ
ތުރުކީއަށާއި ސީރިޔާއަށް މި މަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވާން އެގައުމަށް އެންމެ ފުރަތަމަ ދިޔަ އެންޖީއޯތަކުގެ ތެރޭގައި ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހިމެނެ އެވެ. ދުނިޔޭގެ އިންސާނީ އެހީދޭ އެތައް ޖަމާއަތަކާއި ގުޅިފައިވާ އަދި ރާއްޖޭގެ 100 އަށް ވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުގެ މަދަދު ލިބޭ އައިއޭސީން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އައިއޭސީގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް މުހައްމަދު އަލީ ރޭ ވިދާޅުވި ގޮތުގައި އައިއޭސީގެ މެއިން ޕާޓްނަރާ އެކު ތުރުކީގައި ހިންގަމުން އަންނަ އެހީގެ ހަރަކާތުގައި މިހާރު ވެސް ދުވާލަކު 5،000 މީހުންނަށް ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސައިދެމުން އަންނަ ކަަމަށެވެ. "އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ މެއިން ޕާޓްނާ އާ އެކުގައި ކޮންމެ ދުވަހަކު ފަންސާސް ހާސް މީހުންނަށް ތުރުކީގެ ތެރޭގައި ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސައިދެމުން،" މުހައްމަދު އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތުރުކީއަށާއި ސޫރިޔާއަށް ބިންހެލުން އައުމުގެ ކުރިން ވެސް އެޖަމާއަތުން އައީ ސޫރިޔާގައި މީހުންނަށް ކާން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެޖަމާއަތުގެ މެެއިން ޕާޓްނަރުގެ ގޮތުގައި ހަަރަކާތްތެރިވާ އެ ސަރަހައްދުގެ ޖަމާއަތުން ހިންގާ ބަދިގެތައް ވެސް ސޫރިޔާގައި ހުރެ އެވެ. މުހައްމަދު އަލީ ވިދާޅުވީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނީ އަލުން ހަލާކުވި ގެދޮރު އަލުން އާރާސްތުކުރާ އިރުގައި ކަމަށާއި އެންމެ މުހިއްމީ ވެސް އެކަމަށް އެހީތެރިވުން ކަމަށެވެ. އެހެންވީމާ އައިއޭސީން ވެސް އިސްކަން ދޭނީ ގެދޮރު ގެއްލުނު މީހުންގެ ބޯހިޔާވަހިކަމަށް އެހީވުމަށެވެ. އެކަމުގައި ދިވެހިންގެ އެހީ ލިބިއްޖެ ނަމަ އެކަން ވާނީ ހާލުގައި ޖެހުނު މީހުން، ދިވެހީންގެ މަތީން ހަނދާން ނައްތައިނުލާނެ ސަބަަބަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެފަދަ މުހިއްމު ކަންކަން ކުރުމަށް އަޅުގަނޑުމެންގެ ޓާގެޓް ހުރީ އިނގޭތޯ،" އެނާ ވިދާޅުވި އެވެ. ތުރުކީއާއި ސޫރިޔާގައި އެހީތެރިވާން އަައިއޭސީން ހިންގާ ހަރަކާތްތަކަށް އެހީ ހޯދަނީ އެޖަމާއަތާ ގުޅިފައިވާ އެކި އެކި ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. ތުރުކީއާއި ސޫރިޔާއަށް އެހީވާން "އެއް އުއްމަތެއް"ގެ ނަމުގައި މިހާރު ހިންގާ ކެމްޕޭނުގައި އިސްކޮށް އުޅެނީ މަހަލްދީބު ފައުންޑޭޝަނެވެ. އެގޮތަށް ލިބޭ އެހީގެ ފައިސާގެ މުއާމަލާތްތައް ކުރަނީ މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ދެފުށް ފެންނަ ގޮތަކަށެވެ.        

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ