މާލެ: 31°C

ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް: އަމީރު

November 21, 2022
2 ފަހަރު ބަލާފައި
ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް: އަމީރު
ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް: އަމީރު
ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެމަނިކުފާނަށް މިއަދު ރައްދު ދެއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސްރީލަންކާ ސަރުކާރާއި ގާނާ ސަރުކާރާ އެކު އެމަނިކުފާނު ދާދިފަހުން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެ ދެ ގައުމު ވެސް ދިޔައީ ބަނގުރޫޓޫގެ މަގަށް ކަމަށެވެ. ރާއްޖެ އެމަގަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުން ވާނީ އެމަނިކުފާނަށް ބޮޑު ލަދަކަށް ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި އެއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަަކައެއް ކަމަށެވެ. " އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި،" ޓްވީޓްގައި އަމީރު ވިދާޅުވި އެވެ. ރާއްޖެ ބަނގުރޫޓްވެދާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އިރު ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށެވެ. އެހެން ނަަމަވެސް ނަޝީދު ގެންދަވަނީ ރާއްޖެ މިހާރު ވެސް އޮތީ އިގުތިސާދީ ގޮތުން ބޮޑު ކާރިސާއެއް ކުރިމަތިވާ ފަަދަ ހާލަތެއްގައި ކަަމަށް ސިފަކުރައްވަމުންނެވެ. އަސާސީ ބޭނުންތަކަށް ރާއްޖެއަށް އެެތެރެކުރަން ޖެހޭ ތަކެތި އެތެރެކުރެވޭ ވަރަށް ދައުލަތުގެ ރިޒާވްފައި މިހާރު ބޭރުފައިސާ ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ