ޤައުމުތަކުގެ ބައިވެރިވުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ޙައްލު ނުގެނެވޭނެ: ނައިބު ރައީސް

ޤައުމުތަކުގެ ބައިވެރިވުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ޙައްލު ނުގެނެވޭނެ: ނައިބު ރައީސް
ލިޔުން:
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި، ޤައުމުތަކުގެ އެއްބާރުލުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަކީ ނާދިރު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކޮޕް27ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުންނެވެ.
ޝަރްމުއްޝެއިޚް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ދުނިޔޭގެ ލީޑަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަންފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ދުނިޔެއަށް ކުރި ބައެއް ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވައިފައެވެ.
ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ލިބޭ ވަޞީލަތެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މަސްވެރިކަން ކުރުމަަށް ދިވެހިމަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދިގުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޯފެން ލިބުން ދަތިވުމާ ގުޅިގެން މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހިފައިވުމާއި، އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ މުރަކައިގެ ފަރުތައް ނާޒުކު ހާލަތެއްގައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނަށް އިންޒާރުކުރައްވަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާޞިލުވުން ފާހަގަކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ބަދަލުވަމުންދާ ދުނިޔެއަކީ މުސްތަޤްބަލުގައި އެންމެންނަށްވެސް ހަމަޖެހިގެން، ފާގަތި ދިރިއުޅުމެއް އުޅެވޭނެތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
