މާލެ: 31°C

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

November 1, 2022
2 ފަހަރު ބަލާފައި
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (ނަންބަރު 2020/26) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ މި ޤާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ. މި މާއްދާގައި ވާގޮތުން ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު، އޮތޯރިޓީން އެކުލަވާލާނެއެވެ. އަދި، ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލަންޖެހޭ ޙާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ ޙާލަތުތަކުގައި ކޮންމެހެން ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ