މާލެ: 31°C

މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދޭ: ކައުންސިލުން

October 31, 2022
2 ފަހަރު ބަލާފައި
މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދޭ: ކައުންސިލުން
މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދޭ: ކައުންސިލުން
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އއ. މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚްގައި މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމުގައިފާހަގަކުރައްވާ އެކަމަށްޓަކައި މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. މާޅޮހުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ޒަމާނީ މިސްކިތެއް ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަމުގައި ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލްއަށް މައްސަލަޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ބޭފުޅުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވަނީ ކައުންސިލުން ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ