މާލެ: 31°C

އިމްސޯގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވައިފި

October 26, 2022
2 ފަހަރު ބަލާފައި
އިމްސޯގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވައިފި
އިމްސޯގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވައިފި
އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައި ވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މެންބަރު ޤައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައި.އެމް.އޯގެ އެހީތެރިކަމާއެކު އެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލް.އާރު.އައި.ޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖެއަކީވެސް އައި.އެމް.އޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ޤައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައި.އެމް.އޯ މެންބަރ ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ