މާލެ: 31°C

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތް ކުރައްވައިފި

October 7, 2022
2 ފަހަރު ބަލާފައި
ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ އިކޮނޮމިކް ބޯޑަށް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން، ޝެއިޚް ޚާލިދު ބިން ޢަބްދުﷲ އަލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ބަޙްރައިން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ބަޓެލްކޯ)އަކީ، ރާއްޖޭގެ އެންމެބޮޑު ޕަބްލިކް ކުންފުނި، އަދި ޓެލެކޮމް އޮޕަރޭޓަރ، ދިރާގުގެ މެޖޯރިޓީ ޙިއްޞާދާރުކަން ފާހަގަކުރައްވައި، އެއީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބަޙްރައިންގެ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑޭޓާތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދޭން ބަޙްރައިންއިން ނިންމި ނިންމުމަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19އަށް އިޖާބަދިނުމުގެ ގޮތުން ބަޙްރައިން އިން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ކުރިއަށް އޮތްތަނުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް ފުރުޞަތުތަކާއި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އީ.ޑީ.ބީއަށް ކުރެއްވި މިޒިޔާރަތުގައި، އެތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ވަނީ އެމަނިކުފާނާ ޙިއްޞާކުރައްވާފައެވެ. ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑު، އީ.ޑީ.ބީއަކީ، އެޤައުމުގެ އިންވެސްޓްމެންޓްތައް ޕްރޮމޯޓްކުރުމަށާއި، އިންވެސްޓްމެންޓްތަކަށް ޝައުޤުވެރި ކުރުވައި، އިންވެސްޓް ކުރުމަށް ރަނގަޅު ފަހި މާޙައުލެއް ޤާއިމްކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލައި، އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ އޭޖެންސީއެކެވެ. ރައީސުލްޖުމްހޫރިއްޔާ އީ.ޑީ.ބީއަށް ކުރެއްވި މިޒިޔާރަތަށް ފަހުގައި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ