މާލެ: 31°C

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި

January 16, 2025
2 ފަހަރު ބަލާފައި
އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ކުރިއަށްދިޔަ ޖަލްސާ އަށް އެޗްއާރްސީއެމަށް ނައިބު ރައީސެއް އައްޔަންކުރުމަށްޓަކައި އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވާ މޫމިނާގެ ނަން ފާސްކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާކުރަން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިންޓަވިއުއަކާ ނުލައި ނައިބު ރައީސް ކަމަށް މޫމިނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. ފިއްޓެގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ފަޒީލް އެވެ. އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް މޫމިނާ އައްޔަންކުރެއްވީ 8 ސެޕްޓެމްބަރު 2020 ގަ އެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންއިން މާސްޓާސް ހާސިލުކުރައްވާފައިވާ މޫމިނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އިކޮނޮމިކް މިނިސްޓްރީގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ޓްރީޓޮޕްގެ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމުން އިތުރުން އެސިސްޓެންޓު މެނޭޖަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ. އެޗްއާރްސީއެމްގެ މެމްބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން، އެ ކޮމިޝަންގެ އެސިސްޓެންޓް ރިސާޗް އޮފިސަރުގެ މަގާމާއި ޕްލޭނިން އޮފިސަރުގެ މަގާމުގެ އިތުރުން ކޯޕަރޭޓް އެފެއާސް ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ. އެޗްއާރްސީއެމަށް ނައިބަކު އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވާފައިވަނީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ