ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ދިފާއީ ވަކީލުންގެ ގޮތުގައި ނަގާފައިތިބި ވަކީލުން މައްސަލަ ދޫކޮށްލުމުން ވަކީލުން ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 21 ޖަނަވަރީ 2024 ވަނަ ދުވަހު ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އޭގެފަހުން 22 ޑިސެންބަރު 2024 ގައިވެސް ހިިޔާނާތްތެރިވުމުގެ އަދި މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާތަކެއް އުފުލާފައިވެ އެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބައްސާމަށް ކުރާ ހަތަރު ދައުވާ އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
މީގެކުރިންވެސް މި މައްސަލައިގައި ބައްސާމް ހަމަޖެއްސި ވަކީލު މައްސަލައިން ތަނާޒުލުވެފައިވެ އެވެ. މިއީ ބައްސާމްގެ ވަކީލް މައްސަލައިން ތަނާޒުލުވާ ދެވަނަ ފަހަރެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ބައްސާމްގެ ވަކީލް މައްސަލަ ދޫކޮށްލާފައިވާކަން ސިޓީއަކުން މިއަދު ކޯޓަށް އަންގަވާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބައްސާމް ބުނުމުން، ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހު 30 ވަނަ ދުވަހު ބާއްވަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.
21 ޖަނަވަރީ 2024 ގައި އުފުލާފައިވާ ދައުވާތައް އަދި ދައުވާ އުފުލާ ސަބަބު؛
- ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ: ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10,000.00 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004.00 އެމެރިކާ ޑޮލަރުގެ ޓްރާންސްފާކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9,999.00 އެމެރިކާ ޑޮލަރު މީނާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއާއި، އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ’sales of dollar‘ ލިޔެފައިވީނަމަވެސް، 9,999.00 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ.
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ: ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 އެމެރިކާ ޑޮލަރު މީނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 އެމެރިކާ ޑޮލަރު މީނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910.00 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، މީނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި، އެ ފައިސާގެ ތެރެއިން 2,000.00 އެމެރިކާ ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއާއި، އެފްއޭއެމްއިން މީނާ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ މީނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ.
22 ޑިސެންބަރު 2024 ގައި އުފުލާފައިވާ ދައުވާތައް އަދި ދައުވާ އުފުލާ ސަބަބު؛
- ހިިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ: ބައްސާމު، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާތީ.
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ: ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ އެޕަރޓްމަންޓް ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ 25,000,000 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ދައްކާފައިވާތީ.