މާލެ: 31°C

ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކުރަނީ

January 16, 2025
14 ފަހަރު ބަލާފައި
ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކުރަނީ
ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކުރަނީ
ރާއްޖޭގެ ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރެއްވި ސިޔާސަތުގެ ދަށުން، ތިން ކައުންސިލަކަށް ފަޅުރަށްތައް ހަވާލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލު ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވެ އެވެ. މިގޮތުން ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި، އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި ފަޅުރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް ގުޅިގެންނެވެ. މިނިސްޓަރު އާދަމް ޝަރީފް އުމަރު އޭނާގެ ޕޯސްޓުގައި ރ. އިނގުރައިދޫ، ދ. އަތޮޅު އަދި ލ. މާވަށު ކައުންސިލަށާއި އެ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ކިޔުއްވާފައިވެއެވެ. މި ނިންމުމަކީ ރާއްޖޭގެ ކައުންސިލްތަކަށް އިތުރު ވަސީލަތްތައް ލިބި، އެ ރަށްރަށުގެ ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. މި ފަޅުރަށްތައް ބޭނުންކޮށްގެން ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ލިބި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ