މާލެ: 31°C

ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދެވޭތޯ ފެނަކައިން މަސައްކަތްކުރަނީ

January 15, 2025
14 ފަހަރު ބަލާފައި
ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދެވޭތޯ ފެނަކައިން މަސައްކަތްކުރަނީ
ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދެވޭތޯ ފެނަކައިން މަސައްކަތްކުރަނީ
ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރިން ދައްކާ ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ. އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޖާޙު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ފެނަކައިން އަމިއްލަ ފަރުދުންނަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށްވެސް އިސްކަންދެމުންދާ ކަމަށެވެ. ފެނަކައަކީ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވަމުން، ނަޖާޙު ވިދާޅުވީ ބޮޑެތި ފައިދާތަކެއް ހޯދުމަކީ އެ ކުންފުނީގެ މަޤްޞަދެއް ނޫން ކަމަށެވެ. ނަމަވެސް، ފެނަކައިގެ މަސައްކަތްތައް ހަރުދަނާކޮށްގެން، ސަރުކާރަށް ބުރަ ނުވާގޮތަށް ބާކީ ހުރި ދަރަނިތައް އަދާކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވީ ފާއިތުވި މަސްތަކުގައި، ޚާއްޞަކޮށް ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ވިޔަފާރިތަކުން، ފެނަކައަށް އެކަށީގެންވާ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި ޑީސަލް ގަތުމުގެ ޤަވާޢިދަށް ގެނެވުނު ބަދަލަކާ ގުޅިގެން 10 އިންސައްތައިގެ ޚަރަދު ކުޑަކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. މިހާރު ފެނަކައިން 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް، 94 ރަށަކަށް ފެނުގެ ޚިދުމަތް، އަދި 99 ރަށަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެ އެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ އަދާކޮށްދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ