މާލެ: 31°C

ތައިލެންޑާއި ޔޫއޭއީން މިހާރު އާސަންދަ ލިބޭނެ

January 15, 2025
19 ފަހަރު ބަލާފައި
ތައިލެންޑާއި ޔޫއޭއީން މިހާރު އާސަންދަ ލިބޭނެ
ތައިލެންޑާއި ޔޫއޭއީން މިހާރު އާސަންދަ ލިބޭނެ
ތައިލޭންޑާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މި ހިދުމަތް ލިބޭނީ މި ދެ ޤައުމުގައި އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކަށެވެ. އާސަންދަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވާ އުސޫލުންނެވެ. ތައިލޭންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވަން ފަށާއިރު، އެންމެ ފުރަތަމަ އިސްކަންދޭނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ބަލިމީހުންގެ ތެރެއިން ”ފަސްޓް ޑިގްރީ ޑޯނަރ“ އެއް ނުލިބުމުގެ ސަބަބުން ޓްރާންސްޕްލާންޓް ނުކުރެވި ތިބި ފަރާތްތަކަށެވެ. މިހާތަނަށް އާސަންދައަށް އެމްޕެނަލްކުރެވިފައިވާ ޤައުމުތަކުގެ ޤާނޫނުތަކުން ލާޒިމްކުރާތީ، ކިޑްނީ ޑޯނަރަކީ ”ފަސްޓް ޑިގްރީ ޑޯނަރ“ އަކަށްވާން ޖެހެއެވެ. ދެވަނައަށް އިސްކަންދޭނީ ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް، ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި ތިބި ފަރާތްތަކަށެވެ. މިފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމުގެ ލަފަޔާއެކު ބަލިމީހާ ފޮނުވާނެ މަރުކަޒެއް އާސަންދަ ކޯޕަރޭޝަނުން ކަނޑައަޅާނެއެވެ. އާސަންދަ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށްވެސް މި ޚިދުމަތް ފުޅާކުރެވޭނެއެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުން، އާސަންދަ މޯބައިލް އެޕް، މައި އާސަންދަ ޕޯޓަލް، ވިރަ ކައުންޓަރުތައް އަދި އާސަންދަ ފްރަންޓް އޮފީސް މެދުވެރިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ