މާލެ: 31°C

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތަ އާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެެއްބަސްވެއްޖެ

January 14, 2025
12 ފަހަރު ބަލާފައި
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތަ އާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެެއްބަސްވެއްޖެ
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތަ އާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެެއްބަސްވެއްޖެ
މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަ އާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެސްޓޯނިއާ އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަ އާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑަ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކްލައިމެޓް މިނިސްޓަރު ޔޯކޯ ރައީސް އާއެކު ކުރެއްވި އިހުތިރާމުގެ ޒިޔާރަތަށް ފަހުގަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ގައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މި ތަސައްވުރު ހާސިލުކުރުމަށް ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކުގެ ބޭނުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާގެ މުހިންމުކަން ހާމަކުރެއްވި ކަމަށެވެ. އިއާދަކުރަނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ފަންނިއްޔާތުގެ ދާއިރާއިން އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި ހަކަތައަށް ކުރާ ހަރަދުކުޑަކޮށް، ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޔޯކޯ ވަނީ ރާއްޖެ އާއި އެސްޓޯނިއާ ފަދަ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމުގަ އެވެ. ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ގޮތްތައް ހާސިލުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރެއްވި ކަމުގަ އެވެ. އެކަމަނާގެ ވާހަކައިގައި ހަރަދު ކުޑަ އަދި ވަޒަން ހަމަ އިސްތިރާޖީ ޑިޖިޓަލް ހައްލުތައް ހޯދުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވާ ކަމުގަ އެވެ. މިނިސްޓަރު ޔޯކޯ ވަނީ އެސްޓޯނިއާއިން ރާއްޖެ އާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެސްޓޯނިއާގެ މޫސުމާއި ދެމެހެއްޓެނިވި ކަންކަމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް އިސްކަން ދެއްވާކަން ފާހަގަކުރެއްވި ކަމަށެވެ. އިތުރަށް ބުނީ އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތަ އާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުރިމަގުގައި ވެސް ދެ ގައުމުގެ މެދުގައި މި އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ އުންމީދު ދެ ބޭފުޅުން އާކުރެއްވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ފަރާތުން ވެސް ވަނީ ގުޅިގެން މަސައްކަތް ކުރުމަށް ވެވިފައިވާ އެއްބަސްވުންތަކާ މެދު އުންމީދު އާކުރައްވައި، ދެ ގައުމުން އިސްކަންދޭ ކަންކަން އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ