މާލެ: 31°C

ޑިޖިޓަލް ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

January 14, 2025
2 ފަހަރު ބަލާފައި
ޑިޖިޓަލް ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
ޑިޖިޓަލް ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ ގުޅޭ ގޮތުން އެސްޓޯނިއާއާއެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ބައްދަލުވުމުގައި އެސްޓޯނިއާގެ ރައީސް ވަނީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި އެ ޤައުމަށް ވަޑައިގެންނެވީތީ ރައީސް މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައްދުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ދެ ރައީސުން ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ. ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާ އަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، ދެ ރައީސުންވެސް ވަނީ ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލުބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، ޢަޒުމުކަނޑައަޅުއްވާފަ އެވެ. ބައްދަލުވުން ނިމުނީ އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަޤީންކަން ދެ ރައީސުން ދެއްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ