އަމީނީ މަގުގެ އިސްކަންދަރު ކޮށި ހިމެނޭ ސަރަޙައްދުގެ މަގު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ.
މިމަސައްކަތް އެކުންފުނިން ފަށައިފައިވަނީ މަގުގެ ތާރުގަނޑު ހަލާކުވެގެން އެކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ދަށުން ސެގްމަންޓް 11 އަދި 12 ގައި ހިމެނޭ ޣިޔާސުއްދީން ސްކޫލުން ފެށިގެން ކުރީގެ އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި މިމަސައްކަތް ޖެހިގެން އައި ދުވަހުގެ ރެއާއި ހިސާބަށް 11 ވަނަ ސެގްމަންޓާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އޭރު އާރްޑީސީންވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ކުރު މުއްދަތެއްގެތެރޭގައި ނިންމާ އޭރުވަނީ އައްމުންނަށް ހުޅުވާލާފައެވެ. މަގުގެ ތާރު އަޅާ ނިންމާ، ހުޅުވާލިތާ އަހަރެއް ނުވަނީސް އަމީނީމަގުގެ އިސްކަންދަރު ކޮށްޓާ ދިމާލުންވަނީ ތާރުގަނޑު އަޑިގުޑަންވެ ބައެއް ހިސާބުތަކުން އުފުލިފައެވެ. މީގެ ސަބަބުން އެމަގުގައި އުޅަނދުތައް ދުއްވާ އެކި ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރު އާރްޑީސީންވަނީ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ.
އާރްޑީސީން ވިދާޅުވީ އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައިވާތީ އެސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާނީ ދިގުމުއްދަތަކަށް މަގުގެ ބޭނުން ކުރެވޭގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެކި ފަށަލަތައްވެސް ރަނގަޅަށް ހެދުމަށްފަހު އަލުން ތާރުއަޅާ، ތާރު ހިކުމަށް ދޭންޖެހޭ ވަގުތު ދޭނެކަން އެކުންފުނިން ވިދާޅުވެއެވެ.







