މާލެ: 31°C

ފިއްޓޭގެ ގޮނޑިއެއް ނުގެއްލޭ، އަނބުރާ އެމްޑީޕީއަށް ވައްދައިފި

January 13, 2025
18 ފަހަރު ބަލާފައި
ފިއްޓޭގެ ގޮނޑިއެއް ނުގެއްލޭ، އަނބުރާ އެމްޑީޕީއަށް ވައްދައިފި
ފިއްޓޭގެ ގޮނޑިއެއް ނުގެއްލޭ، އަނބުރާ އެމްޑީޕީއަށް ވައްދައިފި

އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒިޔާދު އެހެން ޕާޓީއަކަށް ވައްދާފައި ވަނީ އޭނާއަށް އެނގިވަޑައިގެން ކަމަށް ނުވާތީ އަލުން އޭނާ އިންތިހާބުވި ޕާޓީ ކަމަށްވާ އެމްޑީޕީއަށް މިހާރު ވަނީ ބަދަލުކޮށްދީފައެވެ.
"އެއީ ޕާޓީ ބަދަލުވެފައި އޮތުމަކީ ފިއްޓޭ ބޭނުންވެގެން އަމިއްލައަށް ކުރި ކަމަކަށް ނުވާތީ،" އޭނާ ވިދާޅުވިއެވެ.

 ފިއްޓޭ މިއަދު ވިދާޅުވީ، އޭނާ ޕީއެންސީއަށް ވެއްދިކަމަށް ފެންނަން އޮތް ތާރީޚަކީ މިދިޔަ މަހުގެ 23ވަނަ ދުވަސް ކަމަށެވެ.

އެ ކަން ކުރީ އޭނާއަށް އެއްވެސް މިންވަރަކަށް އެނގިގެން ނޫން ކަމަށާއި، އެ ކަން އެނގުނީ ވެސް އެހެން މީހެއްގެ ފަރާތުން މިއަދު ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރަކު އޭނާ މަޖިލީހަށް އިންތިޚާބުވީ ޕާޓީ ބަަދަލުކުރުމަކީ އޭނާގެ ގޮނޑި ގެއްލޭނެ ކަމެއްގެ ގޮތުގައި ހަދައި އެންޓި ޑިފެކްޝަން ގާނުނެއް މި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ފާސްކޮށްފައެވެ.

އެއާއެކު ފިއްޓޭގެ ޕާޓީ ބަދަލުވުމާއެކު އޭނާގެ ގޮނޑިއަށް ވާނޭ ގޮތަކާމެދު އޮތީ ސުވާލު އުފެދިފައެވެ.

ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައިގައި އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ގޮވާލާފައި ވަނީ އެކަން ސީރިއަސްކޮށް ތަހުގީގު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ