ރާއްޖެ އަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭނެ އިންތިޒާމު އެމްއެންޑީއެފުން މިއަދު ހަމަޖައްސައިފި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ ފެންބޮޑުވުމުން ރައްކާތެރިވުމަށް މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެއީ ކުޑަކުދިންގެ ބަގީޗާ އާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދު އަދި ރަސްފަންނުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މަހު ކުރީކޮޅުގައި މާލެ އަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި 56 އަށް ވުރެ ގިނަ ގޭގޭގައި މިހާރު ވެސް ވެލި ބަސްތާ ޖަހައި ދީފައިވާ ކަމަށެވެ.
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ވެލި ބަސްތާ ޖަހަން ބޭނުންވާ އިތުރު ގެތަކުން ވެސް އެކަމަށް އެދުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.







