ރާއްޖެއަށް ހެޔޮ ބަދަލު ގެނެސްދޭނެ ފަޚުރުވެރި ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ ބޭފުޅުންނަށް މަރުހަބާ ދަންނަވައި އެކްސްގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް އެމްޑީޕީން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާ ވެސް ގިނަ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޝާހިދު ވަނީ އަލުން އަބުރާ އެމްޑީޕީއާ ގުޅިވަޑައިގަތް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުގެ އިތުރުން އެމްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރެއްވި އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ)އަށް މަރުހަބާ ދަންނަވާފައެވެ.
އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އެކި ކަންކަމުގައި އެކި ބޭފުޅުންނާ މެދު އެ ޕާޓީން އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަށް މައާފްދިނުމަށް ނިންމާފައެވެ. އަލަށް ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ފިޔަވަޅު އަޅާ ކޮމިޓީން ޕާޓީން ވަކިކުރަން ކުރިން ނިންމި ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.







