އިކްރާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން "މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާ" ސާބިތުވެފައިވާތީ، ދައުލަތާއެކު އިކްރާމް ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން 6 މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅައި، އޭގެ ތެރެއިން ތިން މަސް ދުވަހަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެ މައްސަލާގައި އިކްރާމް ހުކުމުގެ ކުރިން ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތަކީ ދެ މަހާއި 17 ދުވަސް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެއިތުރުން އޭނާގެ ހުކުމުގެ ބާކީ އޮތް 3 މަހާއި 6 ދުވަހުގެ ޖަލު އަދަބު 19200 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް، އެ ފައިސާ 8 މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމް ކޮށްފަ އެވެ.
އިކްރާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން "އަނިޔާއެއް ދިނުމުގެ ދައުވާ" ވެސް ސާބިތުވެފައިވާތީ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 1 އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅައި، އޭގެ ތެރެއިން 5 މަސް ދުވަހަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ވަނީ ނިންމައިފަ އެވެ. އަދި ބާކީ 7 މަހާއި 12 ދުވަހުގެ ޖަލު އަދަބު ވަނީ 44800 ރުފިޔާ ގެ ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް، އެ ފައިސާ 8 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އަމުރުކޮށްފަވެ އެވެ. އެ ހުކުމުގެ ދަށުން އިކްރާމް ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން، އިކްރާމް ތަންފީޒު ކުރަން ޖެހޭ ފަސް މަސް ދުވަހުގެ ޖަލު އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އިކްރާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން "އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ދައުވާ" ވެސް ސާބިތުވެފައިވާތީ، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުން 27 ދުވަހަށް އޭނާ ޖަލަށްލުމަށް ކަނޑައަޅައި، އެ ޖަލު އަދަބު 5400 ރުފިޔާ ގެ ޖޫރިމަނާގެ އަދަބަކަށް ވަނީ ބަދަލުކޮށް އެ ފައިސާވެސް 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އަމުރު ކޮށްފަ އެވެ.
މީގެ އިތުރުން އިކްރާމްގެ މައްޗަށް އުފުލާފައިވާ "އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ" ވެސް ސާބިތުވެފައިވާތީ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ތިން ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ކަނޑައަޅައި، އެ ޖަލު އަދަބު 600 ރުފިޔާ ގެ ޖޫރިމަނާ އަބަދަކަށް ބަދަލުކޮށް އެ ފައިސާވެސް 8 މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަމުރުކޮށްފަ އެވެ.







