މާލެ: 31°C

ހައުސިން މިނިސްޓްރީ އުވާލުމުން ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ: ސިވިލް ސާވިސް ކޮމިޝަން

January 8, 2025
2 ފަހަރު ބަލާފައި
ހައުސިން މިނިސްޓްރީ އުވާލުމުން ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ: ސިވިލް ސާވިސް ކޮމިޝަން
ހައުސިން މިނިސްޓްރީ އުވާލުމުން ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ: ސިވިލް ސާވިސް ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލުމާ ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފުންނަށް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީ އުވާލައި މިދިޔަ ޑިސެމްބަރު މަހުގެ 26 ގައި ރައީސް ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކޮށްފަ އެވެ. އެއާ އެކު ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން ތިބީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުގަ އެވެ.

އެ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތުގެ ތަފްސީލުދީ ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްޒަފުންނަށް ވަނީ މެއިލްއެއް ފޮނުވައިފަ އެވެ. އޭގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން ފިނޭންސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ މަސައްކަތްތައް ކުރާނެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީތަކުގެ އިދާރީ ހިންގުމަށް ގެނައި ބަދަލާ ގުޅިގެން އެ މިނިސްޓްރީތަކުގެ އިދާރީ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި އެއްވަނަ ނަމްބަރުގެ ދަށުން ބަދަލުކުރެވޭ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީތަކަށް ދާއިމީ ވަޒީފާ ހަމަޖެއްސޭނީ އިދާރީ އޮނިގަނޑު ރިވިއުކުރުމަށް ފަހު އެ އޮނިގަނޑުގައިވާ މަގާމުތަކުގެ އަދަދުން ކަމަށެވެ. އެ ހާލަތުގައި މަގާމަށް ވުރެ މުވައްޒަފުންގެ އަދަދު އިތުރުވާ ނަމަ، ވަޒީފާ ހަމަޖައްސާނެ ފަރާތް ކަނޑައަޅާނީ ދިވެހި ސިވިލް ސާވިސް ގަވައިދުގެ 225 ވަނަ މާއްދާގެ (ނ) ގެ ދަށުން މެރިޓް އުސޫލުން ކަމަށް ވެސް އެ މެއިލްގައިވެ އެވެ.

ކޮމިޝަނުން ބުނީ ހައުސިން މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ މަސައްކަތަކީ އެ ގެނެވުނު ބަދަލުގެ ދަށުން ވަކި މިނިސްޓްރީއަކަށް ބަދަލުކުރެވިފައިވާ މަސައްކަތްތަކަށް ނުވާ ކަމަށެވެ. އެހެންވެ، އެ ޑިޕާޓްމަންޓުގައި ތިބި މުވައްޒަފުން، ބަދަލުނުކުރެވޭނެ އެވެ.

އެކަމަކު އެ ކޮމިޝަނުން ބުނި ގޮތުގައި އެ މުވައްޒަފުންނަށް "ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ ދަށުން އެކަށޭނެ އެހެން ވަޒީފާއެއް ހޯދައި ދިނުމުގެ މަސައްކަތް މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދާނެ އެވެ. އެފަދަ ފުރުސަތެއް ހޯދައި ނުދެވިއްޖެ ނަމަ ވަޒީފާއިން އެމީހުން ދޫކޮށްލާނެ ކަމަށް ވެސް ސީއެސްސީން ބުންޏެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ