މާލެ: 31°C

ނަޑެއްލާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

January 7, 2025
2 ފަހަރު ބަލާފައި
ނަޑެއްލާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ނަޑެއްލާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ގދ. ނަޑެއްލާގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުން ބޭނުންވާ އެންމެ މުހިއްމު ކަންކަން މިއަހަރު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެކަމުގެ ޔަޤީންކަން ރައީސް ދެއްވީ، އެމަނިކުފާނު ރަށްރަށަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގެ ކުރިން އެ ޖަލްސާގައި ނަޑެއްލާ ކައުންސިލްގެ ރައީސް ވަނީ އެރަށަށް މުހިއްމުވެފައިވާ ގިނަ ކަންކަން ހުރިކަން ފާހަގަކޮށް އެކަންކަން ނުވެހުރުމުން ރައްޔިޔުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ނަޑެއްލާގައި މިވަގުތު އޮތީ 2008 ވަނަ އަހަރު ހަދާފައިވާ ކުޑަ ބަނދަރެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް މީގެ ދަތިކަން ދަނީ ކުރިމަތިވަމުންކަން ކައުންސުލުގެ ރައީސް ފާހަގަކުރެއްވިއެވެ.

ނަޑެއްލާ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށާއި، އެގޮތުން މިމަހުގެ ތެރޭގައި ނަޑެއްލާ ބަނދަރު ހެދުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާންކުރައްވާނެކަމަށެވެ. ބަނދަރު ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތައްކަން ރައީސް ފާހަގަކުރައްވާފައެވެ.

މިމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ތިބޭފުޅުން ބޭނުންފުޅުވާ ކަހަލަ އައު ބަނދަރެއް ހެދުމަށް އިއުލާންކުރާނަން ކޮންޓްރެކްޓަރެއް ހޯދަން. މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން މިރަށައް އެންމެ އިސްކަމެއް ދޭނީ އައު ބަނދަރެއް ހަދައިދިނުމަށް. އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލައިގައި އެކަށީގެންވާ ހައްލެއްވެސް އެމަޝްރޫއާއިއެކުގައި ގެނެވޭނެ ގޮތަކަށް މިދެންނެވި މަޝްރޫއު ކުރިއަށްގެންދާނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަޑެއްލާގައި މިވަގުތު ހުރީ މީގެ އެތައް އަހަރެއް ކުރިން އަޅާފައިވާ މިސްކިތެއްކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އައު މިސްކިތެއްވެސް ނަޑެއްލާގައި އަޅުއްވައިދެއްވާނެކަމަށެވެ.

ޒަމާނީ ފެންވަރުގެ އައު މިސްކިތެއް މިރަށައް އެބަ ބޭނުންވޭ. 20 އަކަށް އަހަރު ވެގެންދިޔައީ މިހާރު ހުރި މިސްކިތް ބޭނުންކުރާތާ. މިކަމަށްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލު ގެނެސްދޭނަން. އައު މިސްކިތެއް މިއަހަރުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފަށާނެ ވާހަކަ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެރަށުގެ ސްކޫލާއި އަދި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށްވެސް ހައްލު ގެނެސްދެއްވާނެކަމަށެވެ. އަދި އެރަށުގައި ފުލުހުންގެ ޚިދުމަތާއި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށްހުރި ކުރަންހުރި ގިނަކަން ވެސް އެރަށުގައި ފަށަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަންކަން ވެސް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ