މާލެ: 31°C

ސިޓީ ކައުންސިލުގެ ދެ ސެކްޝަނެއް ތައިސޭ ކޮށްޓަށް

January 7, 2025
2 ފަހަރު ބަލާފައި
ސިޓީ ކައުންސިލުގެ ދެ ސެކްޝަނެއް ތައިސޭ ކޮށްޓަށް
ސިޓީ ކައުންސިލުގެ ދެ ސެކްޝަނެއް ތައިސޭ ކޮށްޓަށް
މ. ގްރީން ބިލްޑިންގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ބިލްޑިން ސެކްޝަނާއި ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަން ހިންގަމުން އައި އިމާރާތަށް ލިބުނު ގެއްލުމާ ގުޅިގެން ވަގުތީ ގޮތުން ހިދުމަތްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ފަހު، އެ ހިދުމަތްތައް އަލުން މާލެއަށް ބަދަލުކޮށްފި އެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކުރީގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އައި އޮފީސް އިމާރާތްތައް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އަދި އެ ކޮށީގައި ހިންގަމުން އައި ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ވެސް ގެއްލުންވި އެވެ. އެ ކަމާ ގުޅިގެން މިނިސްޓްރީތަކުގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި އެވެ. ކައުންސިލުން ދެމުން އައި ހިދުމަތްތައް ބަދަލުކުރީ ހުޅުމާލެ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީގެ އޮފީހަށެވެ. މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އިއްޔެކުރި އިއުލާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެ އިދާރާގެ ދެ ސެކްޝަން ކަމުގައިވާ ލޭންޑް އެންޑް ބިލްޑިން ސެކްޝަން އަދި ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަންގެ މަސައްކަތް މާލެއިން ލިބޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދެ ސެކްޝަން މިހާރު ހިނގަމުންދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭ ކޮށީގެ އެ އިދާރާގެ އާންމު ހިދުމަތްތަކާބެހޭ ބައި، (ތައިސޭ ކޮށި) އިން ކަމުގައި ކައުންސިލުން ބުންޏެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ވައިޓަލް ސާވިސަސް ސެކްޝަނުގައި ރައްކާކޮށްފައި ހުރި މުހިންމު ލިޔެކިޔުންތަކަށް ގެއްލުން ވެފައިވާ ކަމުގަ އެވެ. އޭގެ ތެރޭގައި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. ބައެއް ލިޔުންތައް އަނދައިގެން ދިޔައިރު، އަލިފާން ނިއްވަން ކުރި މަސައްކަތުގެ ތެރޭގައި ގިނަ އަދަދެއްގެ ލިޔުންތަކަށް ފެނުގެ އަސަރު ކުރި އެވެ. އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތް ވެސް ކުރި އެވެ. ސަލާމަތް ކުރެވުނު ތަކެތި ގުދަންކޮށް، ފެން ޖެހުމުގެ ތެރޭގައި ތެމިފައިހުރި ލިޔެކިޔުންތައް ހިއްކުމުގެ މަސައްކަތް އެ ކައުންސިލުން ވަނީ ކޮށްފަ އެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން މާލޭ ސިޓީ ކައުންސިލަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް ފާސްކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ