ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އިންޑިއާގެ ޖާސޫސީ އިދާރާ ރޯ އިން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ބުނި ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
ވޮޝިންޓަން ޕޯސްޓުން މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި ލިޔުމެއްގައި ބުނީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ގޮތާ ގުޅޭ ގޮތުން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ތައްޔާރުކުރި ލިޔުމެއް އެ ނޫހަށް ލިބިފައިވާ ކަމަށެެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުން އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ ގެ އެެޖެންޓުން މިދިޔަ ޖެނުއަރީ މަހު ދިޔައީ ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންނެވެ. އަދި މަދު ހަފްތާގެ ތެރޭގައި އެކަން ހާސިލުކުރުމަށް ޕްލޭންއެއް އެކުލަވާލި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. އެ ޕްލޭންގައި ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކި ފަރާތްތަކަށް ޖުމްލަ 87 މިލިއަން ރުފިޔާ ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ 40 މެމްބަރުންނާއި ސިފައިންގެ 10 މީހަކަށާއި އަދި ވަރުގަދަ ތިން ގޭންގެއް ހިމެނެ އެވެ. އެ ރިޕޯޓުގައި ގެނެސްދީފައިވާ ވާހަކަތަކާ ގުޅޭ ގޮތުން އިންޑިއާގެ ''ވިއޯން" ނޫހުން ސުވާލުކުރުމުން ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ އެ ބުނާ ކަމެއްގެ ހެއްކެއް ވޮޝިންޓަން ޕޯސްޓަށް ލިބުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.ވަރަށް ކުރު ޖަވާބެއް އެއަށް ދޭނީ. އެއީ (ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު) އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން" ހަލީލް ވިދާޅުވި އެވެ.އިންޑިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ލިޔުމާއި ގުޅިގެން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރު ޖައިސްވާލް ވިދާޅުވީ، އެ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓުން އެ ވާހަކަ ފަތުރާފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، އެއީ އިންޑިއާ އާއި ދެކޮޅުވެރިކަމުގެ އަމަލެއް ކަމަށެވެ.
އެ ލިޔުން ޝާއިއުކޮށްފައިވާ ނޫހާ ނޫސްވެރިޔާ ވެސް އިންޑިއާ އާއި ދެމެދު އަދާވާތްތެރިކަމެއް ގެންގުޅޭ. އެ ލިޔުން ޝާއިއުކޮށްފައިވާ ފަރާތްތަކުގެ އަމަލުތަކުން އެފަދަ ކަމެއް ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.ރަންދީރު ވިދާޅުވީ، އެ ނޫހުގެ ލިޔުންތައް ސައްހަ ކަމަށް އިންޑިއާ ސަރުކާރަށް ނުފެންނަ ކަމަށެވެ. ދެން އެ ލިޔުމުގެ ސައްހަކަން ބަލާނީ ކިޔުންތެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓްގައިވާ ގޮތުން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ބައެއް ރޯގެ އޮފިޝަލުންގެ މެދުގައި ވެސް އޮތީ ހިޔާލުތަފާތުވެފަ އެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ މުއިއްޒު ވެރިކަމުން ދުރުކުރުމުން ރާއްޖޭގައި ދީނީ ހައްދު ފަހަނަ އަޅާއިދިއުން ވެސް އިތުރުވެގެން ހިނގައިދާނެ އެވެ.







