މާލެ: 31°C

ދުންފަތް އޮޅަން ބޭނުންކުރާ ސާމާނު ވަކިވަކިން ރާއްޖެ އެތެރެކުރުންވެސް މަނާ

January 2, 2025
2 ފަހަރު ބަލާފައި
ދުންފަތް އޮޅަން ބޭނުންކުރާ ސާމާނު ވަކިވަކިން ރާއްޖެ އެތެރެކުރުންވެސް މަނާ
ދުންފަތް އޮޅަން ބޭނުންކުރާ ސާމާނު ވަކިވަކިން ރާއްޖެ އެތެރެކުރުންވެސް މަނާ
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ދުންފަތް އޮޅަން ބޭނުންވާ ސާމާނު ވަކިވަކިން ރާއްޖެ އެތެރެކުރުން މަނާކޮށް، އެ ތަކެތި އެތެރެކުރަން ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ދުންފަތާ ބެހޭ ގާނޫނުގެ 1 ވަނަ އިސްލާހުގައިވާ ގޮތުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެކެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ކަމާއި، އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަަރަކަށް ހިމެނޭ ހިފައިގެން ނުވަތަ ބޮއެެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމުގަ އެވެ. ސިނގިރޭޓުން 25 އިންސައްތައިގެ ޑިއުޓީއެއް ނަގަން ފެށުމާ އެކު، ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 200 ރުފިޔާއަށް ޖެހިފަ އެވެ. އެހެންވެ ސިނގިރޭޓް އޮޅަން ބޭނުންކުރާ ތަކެތި (މެޝިން، ފިލްޓަރު، ކަރުދާސް) ވަކިވަކިން ރާއްޖެ އެތެރެކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. ގާނޫނަށް ގެނައި 1 ވަނަ އިސްލާހު މާނަ ކުރުމުގައި ކަސްޓަމުގެ ތެރޭގައި ހިޔާލުތަފާތުންވުންތައް އޮތުމުން އެ އިދާރާއިން ވަނީ ހެލްތު މިނިސްޓްރީން ދެކޭ ގޮތެއް ހޯދުމަށް ސިޓީއެއް ފޮނުވާފަ އެވެ. ހެލްތުން ޖަވާބުގައި ފޮނުވި ސިޓީގައި މާނަކޮށްފައި ވަނީ އެ ތަކެއްޗަކީ ވެސް ރާއްޖޭގައި ދުންފަތް އުފައްދަން ބޭނުންކުރާ ތަކެތީގެ ގޮތުގަ އެވެ. ގާނޫނުގެ ދަށުން ލައިސަންސް ނަގަން ޖެހޭ ގަވާއިދު ހަދަން މިނިސްޓްރީއަށް ދިން 60 ދުވަހުގެ މުއްދަތު ހަމަވާނީ ޖެނުއަރީ މަހުގެ 13 ވަަނަ ދުވަހު އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު ވަކިވަކިން ސިނގިރޭޓް އޮޅަން ބޭނުންކުރާ ސާމާނު ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ. ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާ ކަމަކަށް ވާތީ، އެ މިނިސްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް އެތެރެކޮށްފި ނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް އެދިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ