މާލެ: 31°C

ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފަށައިފި

January 1, 2025
2 ފަހަރު ބަލާފައި
ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފަށައިފި
ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފަށައިފި
ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރި (އެފްޓީއައި) ގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ. މި އެއްބަސްވުމުގެ މަޝްވަރާތައް ފުރަތަމަ ފެށުނީ ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވުނު މަޝްވަރާތަކާ ގުޅިގެންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސަައްކަތްތަކަށް ހަލުވި ކަމެއް އައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާއެކު ކުރެވުނު މަޝްވަރާތަކާ އެކުގައި ކަމަށެވެ. އެ ދަތުރުފުޅަށް ފަހު ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިގުތިސޯދީ އަދި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެޅިގެންދިޔަ މުހިންމު އަދި ތާރީހީ ބިންގަލެއްކަން ފާހަގަކުރި އެވެ. އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރު ކުރެވޭނެ ކަމަށެވެ. ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ އަގުހެޔޮ ކުރެވި، ވިޔަފާރި އަދި އިންވެސްޓްމަންޓުތައް އިތުރުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވުމާ އެކު، އެއް ގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ކަނޑާލެވޭނެ އެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ އައިޓަމުން ވެސް ޑިއުޓީ ކަނޑާލާނެ އެވެ. ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މަހާއި ސީފުޑްގެ ހުރިހާ ބާވަތްތަކެއް، ސުން ރޭޓުގައި ޗައިނާ މާކެޓަށް އެކްސްޕޯޓް ކުރެވޭނެ އެވެ. މިއީ ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކުރެވި، މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށް މަގުފަހި ކުރެވި، މަހަށް ރަނގަޅު އަގު ހޯދުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމުގައި މިނިސްޓްރީން ބުންޏެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޗައިނާ ފަދަ އުފެއްދުންތެރި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވި އަމަލު ކުރެވެން ފެށުމުން ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް މަގުފަހިވެ، އާންމުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުދާ އެ ގައުމުން އަގުހެޔޮކޮށް ހޯދުމުގެ މަގުފަހިވާނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ އެކްސްޕޯޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެއް ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ޗައިނާ ފަދަ ބިޔަ މާކެޓަކާ އެކީ ވިޔަފާރިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން މުހިންމު ކަމުގަ އެވެ. އެއްބަސްވުން ތަންފީޒުކުރުން އިއުލާނުކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި ޗައިނާގެ ވިޔަފާރި އާ ބެހޭ މިނިސްޓަރުން ބައިވެރިވެ ވަޑައިގެން މި ތާރީހީ އެއްބަސްވުމުން ދެ ގައުމަށް ކުރާނެ ފައިދާތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވާ ވަނީ ވާހަކަ ދައްކަވާފަ އެވެ. ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ