މާލެ: 31°C

އެމްޑީޕީ މެމްބަރުން ޕީއެންސީއަށް ވައްދާ މައްސަލަ ބަލައިދޭން އެދިއްޖެ

December 30, 2024
2 ފަހަރު ބަލާފައި
އެމްޑީޕީ މެމްބަރުން ޕީއެންސީއަށް ވައްދާ މައްސަލަ ބަލައިދޭން އެދިއްޖެ
އެމްޑީޕީ މެމްބަރުން ޕީއެންސީއަށް ވައްދާ މައްސަލަ ބަލައިދޭން އެދިއްޖެ
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ވަގަށް ވައްދާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ލިބިފައިވާ ކަމަށެެވެ. އެގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެެންވެ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން ބުނީ އެ މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް އެ ޕާޓީގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. އެމްޑީޕީން އިތުރަށް ބުނީ އެ މައްސަލަތަކުން އެނގެނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އީސީ އަށް ފޯމު ހުށަހަޅާފައިވާކަން ކަމަށެވެ. އަދި އެކަން އެނގޭއިރު ވެސް ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި ކަންކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ. އެއާއެކު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އެމްޑީޕީން ގޮވާލި އެވެ.
ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ގޮވާލަމެވެ. އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ