މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް މުޢިއްޒު ސޮއިކުރައްވައިފި

މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް މުޢިއްޒު ސޮއިކުރައްވައިފި
ލިޔުން:
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސޮއިކުރައްވައިފި އެވެ.
ޑރ. ސިންގް އަވަހާރަވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް މުޢިއްޒު ސޮއިކުރެއްވީ އެ ތަނަށް ވަޑައިގެންނެވެ.
ޑރ. ސިންގްގެ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. މި މެސެޖުގައި ރައީސް މުޢިއްޒު، ޑރ. ސިންގްގެ އަގުހުރި ޚިދުމަތްތަކާއި ދެކުނު އޭޝިއާގެ ތަރައްޤީއަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް މުޢިއްޒުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާ ކުރެއްވި މެސެޖުގައި، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވާފައިވެ އެވެ. އަދި މި ޒިޔާރަތަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ވެގެން ދިޔަކަން ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ތަމައްދުނު ހާސިލްކުރެއްވުމުގައި ޑރ. ސިންގް ދެއްކެވި ސާބިތުކަމާއި، ދެކުނު އޭޝިއާގައި އެއްބާރުލުމާއި ތަރައްޤީ ފަހިކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ”ލުކް އީސްޓް ޕޮލިސީ“ ހަރުދަނާކުރެއްވުމުގައި ޑރ. ސިންގް އަދާކުރެއްވި އިސް ދައުރު ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ޑރ. ސިންގް އަވަހާރަވީ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް އެޑްމިޓް ކުރެވުނީ ބުރާސްފަތި ދުވަހުގެ ރޭގެ ފަހު ވަގުތެއްގަ އެވެ.
ޑރ. ސިންގް އަކީ އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރު (2004-2014) ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި އިންޑިއާގެ އިޤްތިޞާދު ބޮޑުތަނުން ކުރިއަރައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާގެ ނުފޫޒު އިތުރުވިއެވެ. އަދި ރާއްޖެއާ ގާތްގުޅުންތަކެއް ބޭއްވެވި ވެރިއެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
މަންމޯހަން ސިންގް އަކީ އިންޑިއާގެ އިޤްތިޞާދީ އަދި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރައި، ޤައުމުގެ ބައިނަލްއަޤްވާމީ ދައުރު ފުޅާވެގެން ދިޔަ އެވެ. ޚާއްޞަކޮށް ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ވަރަށް މުހިންމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
