އެންމެ ޓީބޭގަކުން ބިލިއަން މައިކްރޯ ޕްލާސްޓިކް ހަށިގަނޑުތެރެއަށް ހިނގައިދާނެކަމަށް ސައިންސް ރިސާޗް އަކުން ދައްކައިފިއެވެ.
ސްޕެއިންގެ އޮޓޮނޮމަސް ޔުނިވާސިޓީ އޮފް ބާސެލޯނާ (ޔޫއޭބީ) ގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވަކިވަކި ޓީ ބޭގުތަކުން ޑަންކްކުރާ ކޮންމެ މިލިމީޓަރެއްގެ ފެނުގައި އެތައް ބިލިއަން މައިކްރޯ އެންޑް ނެނޯޕްލާސްޓިކް (އެމްއެންޕީއެލް) ޕާޓިކަލްސް ދޫވެފައިހުރެއެވެ. ޔޫއޭބީ ޔުނިވާސިޓީގެ މައިކްރޯބަޔޮލޮޖިސްޓް އަލްބާ ގާސިއާ-ރޮޑްރިގޭޒް ބުނެފައިވާ ގޮތުގައި މި ޕޮލިއުޓެންޓްތައް ޒަމާނީ ޓެކްނޮލޮޖީތަކެއް ބޭނުންކޮށްގެން އިނޮވޭޓިވްކޮށް ސިފަކުރެވިއްޖެ ކަމަށާއި މިއީ އިންސާނުންގެ ސިއްހަތަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ ދިރާސާތައް ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.
މީގެ ކުރިން ކުރި ދިރާސާތަކުން ޓީ ބޭގުތަކުން ސިންތެޓިކް ޕާޓިކިއުލޭޓްގެ މިންވަރާއި ސިއްހަތަށް ކުރާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސައިންސްވެރިން ބޭނުންވީ ވިޔަފާރީގެ ގޮތުން ވިއްކާ ޓީ ބޭގުގެ ސިލެކްޝަނެއް ބޭނުންކޮށްގެން ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ދިރާސާކުރާށެވެ. އެގޮތުން ލޭޒަރ ޓެކްނިކްސް ބޭނުންކޮށްގެން އަލިގެ ސްޕީޑާއި ސްކެޓަރިންގ ދެނެގަތުމުން ޓީ ބޭގުތަކުން ދޫކުރާ ޕާޓިކަލްތަކުގެ ކެމިކަލް އަދި ފިޒިކަލް ޕްރޮޕަޓީޒްގެ ވަރަށް ފުރިހަމަ ތަސްވީރެއް އެ ދިރާސާކުރިފަރާތްތަކުން ނަގާފައިވެއެވެ.
ތިން ވައްތަރެއްގެ ޓީ ބޭގު ޓެސްޓު ކުރި މި ދިރާސާގައި މައިގަނޑު ގޮތެއްގައި ޕޮލިޕްރޮޕިލީން އިން އުފައްދާ ތަކެތިން މިލިލީޓަރަކަށް ގާތްގަނޑަކަށް 1.2 ބިލިއަން ޕާޓިކަލް ދޫކޮށްފައިވާއިރު، އެތަކެތި ހުންނަނީ އެވްރެޖްކޮށް 136.7 ނެނޯމީޓަރުގެ ބޮޑުމިނުގައި އެވެ. ސެލިއުލޯޒް ކޮތަޅުތައް އެވްރެޖްކޮށް މިލިލީޓަރަކަށް 135 މިލިއަން ޕާޓިކަލް ދޫކުރާއިރު، އެ ޕާޓިކަލްސް ތަކުގެ ބޮޑުމިނުގައިހުރީ ގާތްގަނޑަކަށް 244 ނެނޯމީޓަރު އެވެ. ނައިލޯން-6 ޓީބޭގްތަކުން އާންމުގޮތެއްގައި މިލިލީޓަރަކަށް 8.18 މިލިއަން ޕާޓިކަލް ދޫކޮށްފައިވާއިރު އެ ޕާޓިކަލްސްތަކުގެ ބޮޑުމިނަކީ އެވްރެޖްކޮށް 138.4 ނެނޯމީޓަރުއެވެ.
އެމްއެންޕީއެލް ޕާޓިކަލްތައް އިންސާނުންގެ އެތެރެހަށީގެ ސެލްތަކާ މުއާމަލާތްކުރާ ގޮތް ވެސް ސައިންސްވެރިން ޓެސްޓުކޮށްފައިވެއެވެ.
އެމްއެންޕީއެލްގެ ޕޮލިމާ ކޮމްޕޮޒިޝަންގެ ސަބަބުން އެމީހުންގެ ބަޔޮލޮޖިކަލް އިންޓަރެކްޝަންތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ގުނަވަންތަކާއި ޓިޝޫތަކާއި ސެލްތަކަށް ތަފާތު އަސަރުތައް ކުރެއެވެ،"
މި ކަމުގެ ސަބަބުން ޓޮކްސިސިޓީ ޕްރޮފައިލްތަކާއި، ދިފާއީ ނިޒާމުގެ މަސައްކަތާއި، ޖެނޯޓޮކްސިސިޓީ އާއި ކާސިނޯޖެނިޓީ ފަދަ ދިގު މުއްދަތަކަށް ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެ." ސައިންސްވެރިން ޝާއިއުކޮށްފައިވާ ކަރުދާހުގައި ލިޔެފައިވެ އެވެ.
މައިކްރޯޕްލާސްޓިކްސް އާއި ނެނޯޕްލާސްޓިކްގެ ސަބަބުން ސެލްތަކުގެ އާއްމު މަސައްކަތްތަކަށް ހުރަސް އެޅި، އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެކަމަށް އެދިރާސާގައިވަނީ ދެނެގަނެވިފައެވެ. އަދި އިންފްލެމޭޓަރީ ބައުލް ޑިޒީޒް (އައިބީޑީ) ފަދަ ހާލަތްތަކާ ގުޅިފައިވާ، ގޮހޮރުގައި ޕްލާސްޓިކް ހުންނަކަންވެސް ވަނީ ދެނބެގަނެވިފައެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ކާބޯތަކެތީގެ ޕެކޭޖިންގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ސްޓޭންޑަޑައިޒް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ދިރާސާ ޓީމުން ދަނީ ގޮވާލަމުންނެވެ.