މާލެ: 31°C

ސުނާމީގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް ގެނެސްފި

December 26, 2024
2 ފަހަރު ބަލާފައި
ސުނާމީގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް ގެނެސްފި
ސުނާމީގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް ގެނެސްފި
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މުޅި ރާއްޖޭގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ. އެ ސުކޫތު ގެނެސްފައި ވަނީ 2004 ވަނަ އަހަރު ސުނާމީގެ ރާޅު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23 ގަ އެވެ. މި ސުކޫތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިތުުރުން ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ. ސުކޫތުގައި ބައިވެރިވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިން ހުރި ސަރަހައްދަށެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ބައިވެރިވި އެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވި އެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 20 އަހަރު ފުރުނު އިރު، އެ ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެ އެވެ. އަދި 82 ދިވެހިން މަރުވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އެދުވަހު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ