ކަނޑާލި 228 މުވައްޒަފުންގެ މަޢުލޫމާތު ދޭން އަންގައިފި

ކަނޑާލި 228 މުވައްޒަފުންގެ މަޢުލޫމާތު ދޭން އަންގައިފި
ލިޔުން:
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު އަންގަވައިފި އެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޮކްޓޫބަރު މަހު 15 ގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން އަދި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު, ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ދަށުން އެ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.
އެ މައުލޫމާތު ހޯދަން އެދި ތިން ފަރާތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ގޮތް ނިންމާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމުގައި ވިދާޅުވީ ވަކިކުރި މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ މުވައްޒަފުންނަކީ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުންނަށް ވާތީ އެ މީހުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
އެހެންކަމުން ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި މުވައްޒަފުންގެ ނަމާއި މަގާމާއި ވަޒީފާ އަދާކުރި ތަނާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތުކަން ފާހަގަކުރެއްވި އެވެ. އެ މައުލޫމާތުތަކަށް އެދުނު ފަރާތްތަކަށް ރަސްމީ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް ކޮމިޝަނަރު ވަނީ އަމުރުކުރައްވާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ އެކަން ކުރުމަށް ރައީސް އޮފީހަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
