މާލެ: 31°C

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މައުރޫފް ޖަމީލު

December 22, 2024
2 ފަހަރު ބަލާފައި
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މައުރޫފް ޖަމީލު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މައުރޫފް ޖަމީލު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު މައުރޫފް ޖަމީލް އައްޔަންކޮށްފި އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި މައުރޫފް ވަނީ ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. އެފަހުން ރައީސް އޮފީހުގެ ދަށުން ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ޔުނިޓުގައި އެންމެ އިސްކޮށް ހުންނެވީ އޭނާ އެވެ. އަދި އެޗްޑީސީގެ ސީއީއޯގެ މަގާމު ވެސް ދުވަސްކޮޅަކަށް އަދާކުރެއްވި އެވެ. އެ މަގާމުން މައުރޫފް ވަކިވެވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޕީސީބީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް މ. ދޫރެސް މުހައްމަދު މައުރޫފް ޖަމީލް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ. ފުލުހުން ބަލަމުން ދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ. ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. އެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް, އެމްޑަބްލިޔުއެސްސީން ފަޒީލް ސަސްޕެންޑްކުރި އެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ރޭގެ ވަގުތެެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މައްސަލަ އާ ގުޅިގެން ފަޒުލް އާއި ފަޒީލް އަދި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އެ މިނިސްޓްރީގެ ކުރީގެ އިސްވެރިން ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ