މާލެ: 31°C

އިސްތިއުފާ ދިނީ ތަހުގީގަށް ފުރުސަތުދޭން، ތުހުމަތުތަކަށް އިންކާރުކުރަން: ފަޒުލް ރަޝީދު

December 22, 2024
2 ފަހަރު ބަލާފައި
އިސްތިއުފާ ދިނީ ތަހުގީގަށް ފުރުސަތުދޭން، ތުހުމަތުތަކަށް އިންކާރުކުރަން: ފަޒުލް ރަޝީދު
އިސްތިއުފާ ދިނީ ތަހުގީގަށް ފުރުސަތުދޭން، ތުހުމަތުތަކަށް އިންކާރުކުރަން: ފަޒުލް ރަޝީދު
ކުރެވެމުންދާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި މަގާމުން އިސްތިއުފާ ދިނީ މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީކަމުން އިސްތިއުފާދެއްވި އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ. ފަޒުލް މިހެން ވިދާޅުވެފައިވަނީ އޭނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގަ އެވެ. ރައީސް މުއިއްޒަށް ފަޒުލް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގައި އޭނާ ހޭދަ ކުރި މުއްދަތުގައި އޭނާއާ މެދު އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު ކުރެވެމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި މަގާމަށް އައްޔަން ކުރެވުނު ފަހުން އެޗްޑީސީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ އެޗްޑީސީގެ ބޯޑުގެ ނިންމުންތަކާއި އެޗްޑީސީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއްކަމަށް ފަޒުލް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީއަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ އެޗްޑީސީއާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫންކަމަށް ފަޒުލްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އެ ތުހުމަތުގެ ހަގީގަތް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަވުމަކީ އޭނާ އެދޭ ގޮތްކަމަށް ފަޒުލް ވިދާޅުވި އެވެ. މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއްކަމަށް ފަޒުލް ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި އެޗްޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މި ސިޓީގައި ފަޒުލް ވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ