މާލެ: 31°C

މަސައްކަތް ކުރަމުން ގެންދަނީ ކަމުގެ ހަގީގަތް އޮޅުވާލަން: އަކްރަމް ކަމާލުއްދީން

December 20, 2024
2 ފަހަރު ބަލާފައި
މަސައްކަތް ކުރަމުން ގެންދަނީ ކަމުގެ ހަގީގަތް އޮޅުވާލަން: އަކްރަމް ކަމާލުއްދީން
މަސައްކަތް ކުރަމުން ގެންދަނީ ކަމުގެ ހަގީގަތް އޮޅުވާލަން: އަކްރަމް ކަމާލުއްދީން
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ މީހަކަށް ގޯތި ދިން ކަމުގެ ލިޔުން ދީފައިވަނީ ކުރީ ސަރުކާރުން ކަމަށް ބުނެ ދެއްކި ވާހަކަތައް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ދޮގުކުރައްވައިފި އެވެ. ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ލިބުނު ކަމަށް ބުނެ ލިޔުންތަކެއް ހުށަހެޅި ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އެ މީހުންނާ ސުވާލުކުރުމުން އެއީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ލިޔުން ލިބުނީ ގޯތި ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅުމުން ކުރީގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށް، ޝަކުވާތައް ބެލުމަށް ފަހުގައި ކަމަށް މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުން ވަނީ ބުނެފަ އެވެ. ރޭ ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ އެގްރިމަންޓެއް ކަމަށް ދެއްކުމަށް ޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަކާ މެދު ސުވާލު އުފެދުމުން، އެ ޑޮކިއުމަންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެ ވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސައްހަ ނޫން ލިޔުން ހުށަހެޅި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ވެސް ހިމެެނިވަޑައިގަންނަވާއިރު، އޭނާ އާ ދުވަހަކު ވެސް ފަޒީލް އާ ބައްދަލުވެފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އޭނާ އާއެކު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި އެއްވެސް ކަމެއްގައި ބައްދަލުކުރަން ފަޒީލް ވެސް އެދިފައި ނެތް ކަމަށެވެ. އިތުރަށް ވިދާޅުވީ ސަރުކާރުގައި އޭނާ އަދާކުރެއްވި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ