މާލެ: 31°C

މިފްކޯ ހިންގާނީ ސިޔާސީ ނުފޫޒު ނުފޯރާ ގޮތަށް: ސީއީއޯ

December 19, 2024
2 ފަހަރު ބަލާފައި
މިފްކޯ ހިންގާނީ ސިޔާސީ ނުފޫޒު ނުފޯރާ ގޮތަށް: ސީއީއޯ
މިފްކޯ ހިންގާނީ ސިޔާސީ ނުފޫޒު ނުފޯރާ ގޮތަށް: ސީއީއޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވަން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ. މިފްކޯގެ އާ ސީއީއޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ހިންގުން ހަރުދަނާކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އަހްމަދު ނާސިރު އައްޔަންކޮށްފައިވާ ކަމަށެވެ.
އެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު ނާސިރު އައްޔަންކުރީ އެ ކުންފުނީގެ ސީއީއޯ ލުބިމޯވް އެވެ. މިއީ މިފްކޯގެ އާ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ގެންނެވި ފުރަތަމަ ބަދަލެވެ. ނާސިރަކީ މަގާމަށް އެންމެ އެކަށީގެންވާ ފަރާތް ކަމުގައި ބަޔާނުގައިވެ އެވެ. އޭނާ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެވެ. މިފްކޯއިން ބުނީ އާ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ވަޒަން ކުރުން ހިމެނޭ ކަމަށެވެ. ބޭނުމަކީ މިފްކޯގެ އިންސާނީ ވަސީލަތް އެ ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުން ކަމަށެވެ. އެ މަސައްކަތް ކުރާނީ ކުންފުނީގެ ސީއީއޯގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ކަމަށް މީހަކު އައްޔަންކުރުމާ މެދު ހިޔާލު ތަފާތުވުން އުފެދި އެ މަރުހަލާއަށް ކުންފުނިން ބޭރުން ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް މިފްކޯއިން ބުންޏެވެ. އަދި މިއީ ސީއީއޯގެ ލީޑަޝިޕްގެ ދަށުން އެ ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅުނު ފުރަތަމަ ފަހަރު ކަމަށެވެ. މިފްކޯގެ ސީއީއޯ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ މެނޭޖްމަންޓަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުގެ ނަންތައް ކުރިއަށް އޮތްތަނުގައި އާންމުކޮށް ހާމަކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ