ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
ފުލުހުންގެ އިދާރާގައި ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، އޭސީސީގެ މެމްބަރުންނާ އެކު، މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވެސް ބައިވެރިވެވަޑައިގަތެވެ
"މި ބައްދަލުވުމުގައި ބިންވެރިޔާ ސްކީމާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު،" ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވުމުން ފުލުހުންނާއި އޭސީސީން ވެސް އަންނަނީ އެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި، އޭނާއަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން އިއްޔެ ފަޅާއެރި އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ފަޒީލްގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް ވެސް ތަހުގީގު ފަށައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ލިޔުންތަކުން އެނގޭ ގޮތުގައި، އެއީ ސައްހަ ރަޖިސްޓްރީތަކެއް ނޫނެވެ. ބިންވެރިޔާ ސްކީމުން ފަޒީލްއަށް ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ވެސް އެޗްޑީސީއަށް ވަނީ އަންގައިފަ އެވެ







