ހައުސިން މިނިސްޓްރީން ވެރިފައި ނުކޮށް، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން އެއްވެސް ގޯއްޗެއް ދޫކޮށްފައި ނުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، މުޅި ރާއްޖޭގެ ސަމާލުކަމަށް އައުމުން އެޗްޑީސީން ކުއްލި ގޮތަކަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން ދިން ގޯތިތަކުގައި އިމާރާތްކުރަން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ދަށުން ހައުސިން މިނިސްޓްރީއާ އެކު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ.
ފަޒުލް ވިދާޅުވީ އެގޮތަށް ލިބުނު ރިކުއެސްޓުތައް ބެލުމުން ބައެއް މައްސަލަތައް ފާހަގަވި ކަމަށާއި އެހެންވެ، އެ މައްސަލަތައް ވެރިފައި ކުރުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ކަމަށެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުންތަކަކީ އެ މައްސަލަތައް އުޅޭކަން ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް ކަށަވަރު ކޮށްދިނުމަށް ފޮނުވާފައި ހުރި ލިޔުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ މިއަދު ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި އެޗްޑީސީއަށް ވަދެފައެވެ. މި މައްސަލަ ފަޅާއަރުވާލީ ކަރަން ކުރުސީގެ ނަމުގައި ހިންގާ ވިޒުލްބްލޯވަރ އެކްސް އެކައުންޓަކުންނެވެ.






