މާލެ: 31°C

އުސޫލާ ޚިލާފަށް އެޗްޑީސީން ބިން ވިއްކި ކަމަށް ބުނެ މައްސަލަ މަޖިލީހަށް

December 18, 2024
2 ފަހަރު ބަލާފައި
އުސޫލާ ޚިލާފަށް އެޗްޑީސީން ބިން ވިއްކި ކަމަށް ބުނެ މައްސަލަ މަޖިލީހަށް
އުސޫލާ ޚިލާފަށް އެޗްޑީސީން ބިން ވިއްކި ކަމަށް ބުނެ މައްސަލަ މަޖިލީހަށް
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ޖިނާއި ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ. ވަގަށް ގޯތި ދިން ކަމަށް ބުނާ މައްސަލަ ބަލަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އުސޫލުން ބޭރުން 50 އަށްވުރެ ގިނަ ގޯތި އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ. އެ ގޯތިތަކުގެ ޖުމްލަ އަދަދު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ. "... މި ޖަރީމާ ހިންގާކަން ހައުސިން މިނިސްޓްރީއަށް އެނގުނުތާ 5 މަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް، އެކަމާމެދު މިނިސްޓްރީން ނުވަތަ ސަރުކާރުން ފިޔަވަޅެއް އަޅައިފައިނުވެ އެވެ" އެކަމަކީ ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކައިލައިފައިވާ މައްސަލައަކަަށް ވާތީ ސީރިޔަސް މައްސަަލައެއްގެ ގޮތުގައި މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ. އެކަމުގައި ޝާމިލުވާ އެންމެން ދެނެގަތުމާއެކު، އެފަދަ ކަންކަން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މަޖިލީހުން އެގުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް ކުޑޫގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުން ދައްކާ ގޮތުން ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. އަދި ދެން ހިމެނެނީ އަބްދުލް މަޖީދު މާހިރު ނަމަކަށް ކިޔާ މީހެކެވެ. ކުރީގެ ސަރުކާރުން "ބިންވެރިޔާގެ" ސްކީމްގެ ދަށުން ހުޅުމާލެ ދެކާއި ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ