މާލެ: 31°C

މިނިސްޓްރީގެ ހުއްދަ ނެތި، ދަރިވަރުން ބައިވެރިކޮށްގެން ހަރަކާތްތައް ނުހިންގަން އަންގައިފި؛ މައްސަލައަކަށްވީ އެކްޓިވިޓީ ކަލަންޑަރާ ޚިލާފަށް ހަރަކާތްތައް ހިންގުން

December 16, 2024
2 ފަހަރު ބަލާފައި
މިނިސްޓްރީގެ ހުއްދަ ނެތި، ދަރިވަރުން ބައިވެރިކޮށްގެން ހަރަކާތްތައް ނުހިންގަން އަންގައިފި؛ މައްސަލައަކަށްވީ އެކްޓިވިޓީ ކަލަންޑަރާ ޚިލާފަށް ހަރަކާތްތައް ހިންގުން
މިނިސްޓްރީގެ ހުއްދަ ނެތި، ދަރިވަރުން ބައިވެރިކޮށްގެން ހަރަކާތްތައް ނުހިންގަން އަންގައިފި؛ މައްސަލައަކަށްވީ އެކްޓިވިޓީ ކަލަންޑަރާ ޚިލާފަށް ހަރަކާތްތައް ހިންގުން

ދަރިވަރުން ބައިވެރިކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ހަރަކާތެއް ހިންގާނަމަ ހުއްދަ ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިކަމާ ގުޅޭ ސާކިއުލާއެއް އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި، ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް ފޮނުވާފަ އެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތަކަކީ ދުރާލައި ރާވައިގެން އަދި ކޮންމެ އަހަރަކުވެސް ތައްޔާރުކުރާ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އެހެންވެ އެއްވެސް އިދާރާއަކުން ހިންގާ ހަރަކާތެއްގައިވެސް ދަރިވަރުން ބައިވެރިކުރާނަމަ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަން ވާނެ ކަމަށްވެސް އަންގާފައިވެ އެވެ.

ސާކިއުލާގައި ބުނެފައިވަނީ ދަރިވަރުން ބައިވެރިކޮށްގެން ހަރަކާތެއް ހިންގަންވާނީ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދާފައިވާ ހަރަކާތަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ. ހަރަކާތެއްގައި ދަރިވަރުން ބައިވެރިކުރަން ސްކޫލުތަކާ މުއާމަލާތު ކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށްވެސް ސާކިއުލާގައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިފަދަ އެންގުމެއް އަންގަން ޖެހުނީ އެކްޓިވިޓީ ކަލަންޑަރުގައި ނުހިމަނާ އަދި މިނިސްޓްރީއާއި މަޝްވަރާ ކުރުމެއް ނެތި އިދާރާތަކުން ތަފާތު ހަރަކާތްތަކާއި މުބާރާތްތައް ބާއްވާތީ ކަމަށް ވެސް ސާކިއުލާގައި ފާހަގަ ކޮށްފައިވެ އެވެ. އެކްޓިވިޓީ ކަލަންޑަރުގައި ނުހިމަނައި ދަރިވަރުންނާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމުން ދަރިވަރުންގެ ކިޔެވުމަށާއި ޓީޗަރުންނާއި ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ކަމަށްވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ