މާލެ: 31°C

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

December 11, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
މަސްތުވާތަކެތީގެ ވިޔަފާރި އަށް ފައިނޭންސްކުރާ މީހުން ނުވަތަ އޭގެ ވިޔަފާރީގައި އުޅޭ މީހުންނަށް ބޮޑު އަދަބެއް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ. ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމުމަށްފަހު ބިލު ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ. މަޖިލީހުގެ އިދާރާއިން ބުނީ ހިޔާލު ފޮނުވާނީ ޖުޑީޝަރީ ކޮމިޓީގެ އީމެއިލް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ކަމަށެވެ. އެ ބިލު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ, މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަންކަން ހުއްޓުވަން ކަމަށެވެ. ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ, ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަކީ ވެސް ހުށަހެޅި އިސްލާހުތަކުގެ ބޭނުމެކެވެ. ބިލުން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެ އެވެ. މަސްތުވާތަކެތީގެ ގާނޫނުގެ 128 ވަނަ މާއްދައަށް ދެ މާއްދާއެއް އިތުުރުކުރަން ބިލުގައި ހިމަނާފައިވާއިރު މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ދޫކުރުމަކީ ކުށެކެވެ. އެ ކުށް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު ޖޫރިމަނާކުރަން ހުށަހަޅާފައިވެ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ތަނެއްގައި ހުއްދަކުރަން މަގުފަހިކޮށްފިނަމަ 10 އަހަރުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު ޖޫރިމަނާކުރަން ބިލުގައި ހިމަނާފައިވެ އެވެ. އެ ގާނޫނުގެ 128 ވަނަ މާއްދާ އަށް މަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، 20 އަހަރަށް ޖަލަށްލުމުގެ އިތުރުން 200،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދު ޖޫރިމަނާކުރަން ހިމަނާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ