މާލެ: 31°C

ކާނި ހޮޓަލުން ޓެކްސްއަށް މަކަރު ހެދިކަމަށް ކަނޑައަޅައި، ދައުވާކުރަން ފޮނުވައިފި

December 11, 2024
2 ފަހަރު ބަލާފައި
ކާނި ހޮޓަލުން ޓެކްސްއަށް މަކަރު ހެދިކަމަށް ކަނޑައަޅައި، ދައުވާކުރަން ފޮނުވައިފި
ކާނި ހޮޓަލުން ޓެކްސްއަށް މަކަރު ހެދިކަމަށް ކަނޑައަޅައި، ދައުވާކުރަން ފޮނުވައިފި
ކ. މާފުށީގައި "ކާނި ހޮޓެލްސް" ގެ ނަމުގައި ހިންގަމުން ގެންދާ 4 ގެސްޓް ހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ. މީރާއިން ބުނީ، ހުށަހަޅާފައިވާ މައްސަލައަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދިޔަ ގެސްޓް ހައުސްތަކުން ދޮގު މައުލޫމާތު މީރާއަށް ހުށަހަޅާފައިވާތީ ހުށަހެޅޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަން ފެށީ ކާނި ހޮޓެލްްސްއިން ހިންގަމުން ގެންދާ "ކާނި ޕާމް ބީޗް'، "ކާނި ގްރޭންޑް ސީވިއު"، "ކާނި ވިލެޖް" އަދި "ކާނި ބީޗް" ގެސްޓް ހައުސްތަކުން މީރާއަށް ހުށަހަޅައިފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުންޏެވެ. މީރާއިން ބުނި ގޮތުގައި، ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހައި ގެސްޓުންގެ މައުލޫމާތު ހިމަނައިފައެއްނުވެ އެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދިހޯދުންތަކުން ފާހަގަކުރެވުނު ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ. މީގެއިތުރުން، އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރަންޓް، ސްޕާ، އެކްސްކާޝަން ފަދަ "އެކްސްޓްރާސް"ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށް ވެސް މީރާއިން ބުންޏެވެ. މީރާއިން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައި ކަމަށެވެ. "ތަހުގީގާ ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި ޖުމުލަ 8 ލައްކައަށް ވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތްތަކަށް އަންގައިފައިވޭ،" މީރާ އިން ބުންޏެވެ. އިތުރަށް މީރާއިން ބުނީ، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ 2 ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ، ކުންފުނިތަކުގެ 2 ޑިރެކްޓަރުންކަމުގައިވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް މީރާ އިން ބުނެ އެވެ. އަދި އެ ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ. ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިންތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މިދިޔަ މަހު މީރާއިން ވަނީ މާފުށީގައި ހިންގާ ގެސްޓްހައުސްތަކުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ އިންސްޕެކްޓްޝަންތަކުގައި ވަނީ މައުލޫމާތާއި އެހީތެރިކަން ފޯރުވައިދިނުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކޮށްފަ އެވެ. އެގޮތުން، އެ ޕްރޮގްރާމްގެ ތެރެއިން ކުރެވުނު އޮޑިޓްތަކުގައި ޓެކްސް ދައްކާ ފަރާތްތަކުން އިތުރަށް ދައްކަންޖެހޭ ޓެކްސްކަނޑައަޅައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ އަންގާފަ އެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު އަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ