ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިކަމުގެ ދުވަހުގެ ގޮތުގަ އެވެ.
މަސްވެރިންގެ މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކިރާ މަހަށް ވާ ފައިސާ ލިބުން ލަސްވުމެވެ.
ރައީސް އިއްޔެ ކ. ގާފަރަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ އެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައި ވާތީ، ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްވެރިއަކަށް އެ އުސޫލުން ދެން ފައިސާ ޖަމާކުރާނެ އެވެ. އަދި އެމްއައިބީގައި އެކައުންޓް ގެންގުޅޭ މަސްވެރިންނަށް ވެސް އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި މިފްކޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ މެދުގައި މުހިންމު އެއްބަސްވުމެއް ހެދިފައިވާ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ފައިސާ ނުދެވި ލަސްވެ، ބެކްލޮގެއް ނުއުފެދޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.







