މާލެ: 31°C

ފައްޔާޒުއަށް ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

December 10, 2024
2 ފަހަރު ބަލާފައި
ފައްޔާޒުއަށް ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި
ފައްޔާޒުއަށް ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކަ ދިފާއުކޮށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަ ދައްކާވާފައިވާތީ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާ ބެހޭ މުއައްސަސާތަކަށް މިރޭ ގޮވާލައިފި އެވެ. "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ މެންބަރަކު ދެއްކި ވާހަކައާ ގުޅުވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އެ މީހާގެ ދިފާއުކޮށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ. ސީދާ ރައީސްގެ ނަން ނުގެންނެވިޔަސް ފައްޔާޒު ވާހަކަ ދެއްކެވީ ރައީސް "ހަވަރަށް" ދޭ މޭރުމަކުން ކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ސަރުކާރުގެ ވަޒީރުންވެސް ދަނީ އެކަން ކުށްވެރިކުރަމުންނެވެ. ފައްޔާޒު އެހެން ވިދާޅުވާ ވީޑިއޯ އެކްސް ގައި ހިއްސާކުރައްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއްކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. "މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއްކަމެއް" އަބްދުއްރަހީމް އެކްސްގައި ލިޔުއްވި އެވެ. އަމީން ދީދީއާ ގުޅުވައި ފައްޔާޒު ދެއްކި ވާހަކަ ކާފަ ދަރިކަނބަލުން ފަރަހާނަޒް ފައިސަލްވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަމީނާ މުހައްމަދު އަމީންގެ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް އެކްސްގައި ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަމީންގެ ވެރިކަމުގައި އެމަނިކުފާނު ބޭސްފަރުވާއަކަށް ކޮލަމްބޯގައި ހުންނަވަނިކޮށް ސަރުކާރުގައި އިސްކޮށް ތިބި ބަޔަކު ބަގާވަތްކޮށް, ވެރިކަން ވައްޓާލާ ނައިބު ރައީސް އިބުރާހީމް ނާސިރު ވެރިއަކަށް ހަމަޖެއްސެވި އެވެ. އަދި އަމީން ރާއްޖެވަޑައިގަތުމާއެކު ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމުން އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުން ނާސިރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި އެވެ. އެ މަސައްކަތުގެ ތެރެއިން ހިނގި ހަމަޖެނުޖެހުމުގައި އަމީނަށް އަނިޔާކުރުމަށްފަހު ފަޅުގައި އޮތް ދޯންޏަކަށް އެއްލާލި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ