މާލެ: 31°C

ފިއުލް ސަޕްލައިގެ ތެލުގެ ވައްކަމާ ގުޅޭ ފަރާތްތައް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

December 9, 2024
2 ފަހަރު ބަލާފައި
ފިއުލް ސަޕްލައިގެ ތެލުގެ ވައްކަމާ ގުޅޭ ފަރާތްތައް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ފިއުލް ސަޕްލައިގެ ތެލުގެ ވައްކަމާ ގުޅޭ ފަރާތްތައް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ދެމުން އަންނަ ތެލުގެ ހިދުމަތުން ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެސްޓީއޯގެ ބޯޑުގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފި އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2020 އަހަރާ ދެމެދު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ހުށަހަޅުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓާ ދިރާސާ ކުރުމުގެ މަސައްކަތެވެ. އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވީ، 28 މިލިއަން ރުފިޔާގެ އެ ހިޔާނާތާ ގުޅޭ މައްސަލަ އެމްޕީއެލްގެ ކުރީގެ ޗެއާމަން ސަރުކާރުގެ ސަމާލު ކަަމަށް އެ މައްސަލަ ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ މައްސަލައިގައި އެމްޕީއެލުން އަޅާފައިވާ ފިޔަވަޅުތަކާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ކޮށްފައިވާ މަސައްކަތްތަކުގެ އަޕްޑޭޓެއް ހޯދަން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މައްސަލަ އާ ގުޅުވާލައި ނާޒިމް ވިދާޅުވި ގޮތުގައި ތެލުން ވައްކަން ކުރުމަކީ މިހާރު ވެސް ކުރަމުން އަންނަ ކަމެއް ކަމުގަ އެވެ. އެކަން އެފްއެސްއެމްގެ ތެރެއިން ހިނގަމުންދާ ކަމަށާ އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ކަމުގައި ބައިވެރިވާ ކަމުގެ މައުލޫމާތު ލިބޭ ކަމުގަ އެވެ. "ވަރަށް ފަހުން ވެސް އެފްއެސްއެމްގެ ތެޔޮ ޓޭންކަރަކުން އެމްޓީސީސީގެ ބާޖަކަށް 35 ހާސް ލީޓަރު ޑީސަލް އެޅި ކަަމަށް ބުނެ، ބިލުކޮށްފައި. އެހެންނަމަވެސް އެންމެ ލިޓަރެއްގެ ތެޔޮ ވެސް ނާޅާ ކަމަށް ވަނީ،" ނާޒިމް ވިދާޅުވީ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެފްއެސްއެމްގެ ތެރެއިން 50 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ވެ އެވެ. "މިއީ ހަމަ ރޭވިގެން، އެފްއެސްއެމްގެ އެންމެ މަތިން ފެށިގެން ތިރިޔާ ހިސާބަށް. ބޯޓުތަކުގެ ކެޕްޓަނުން ފެށިގެން ތަނުގެ މެނޭޖްމަންޓާ ހިސާބަށް މޫލާފައިވާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ. މައްސަލަ ތަހުގީގުކޮށްފައި ވަނީ އެސްޓީއޯގެ ބޯޑުގެ އޮޑިޓު ކޮމިޓީއަކުންކަން ފާހަގަކުރައްވާ އޭނާ ހުށަހެޅުއްވީ  މައްސަލައިގެ މައުލޫމާތު ސާފު ކުރުމަށް އެ ބޯޑު މެމްބަރުން ހާޒިރުކުރަން ފެންނަ ކަމުގަ އެވެ. ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަކީ ގައުމުގެ ހައްގުގައި ކުރަމުން އަންނަ ކަމެއް ކަމުގައި ނާޒިމް ފާހަަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖެ މިހާރު އޮތް ހިސާބުން ކުރިނާރައިގެން އުޅެނީ ކޮރަޕްޝަނާ ހުރެ ކަމަށެވެ. ބައެއް ކުންފުނިތަކާ "ޖިޒީ" ދައްކައިގެން ނޫން ގޮތަކަށް މުއާމަލާތް ނުކުރެވޭތީ އެފަދަ ކުންފުނިތަކާ މުއާމަލާތް ކުރަން އިންވެސްޓަރުން ފަސް ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނާޒިމްގެ ވާހަކައިގައި ވަނީ ކޮރަޕްޝަނުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުން ނާޒިމް ހުށަހެޅުއްވި ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން އެމްޕީއެލްގެ ތެލުގެ ހިޔާނާތާއި ފްލެޓު މަޝްރޫއާ ގުޅިގެން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ސާފުކުރުމަށް އެ ކުންފުނީގެ ބޯޑާއި ކަމާ ގުޅޭ ވެރިން ހާޒިރުކުރަން ވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ