މާލެ: 31°C

ބޭރު ފައިސާ މާރު ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

December 9, 2024
2 ފަހަރު ބަލާފައި
ބޭރު ފައިސާ މާރު ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ބޭރު ފައިސާ މާރު ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ބޭރު ފައިސާ މާރު ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ތައާރަފުކޮށް, އިބްތިދާއީ ބަހުސް ފެށުމަށް އެޖެންޑާ ކޮށްފައިވެ އެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫން ވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުން ވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ. އެ ބިލުގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކޮންމެ މަހެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާ އެ މަހަށް ފަހު ހިނގާ މަހުގެ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަންވާނެ ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ކޮންމެ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުން ވެސް އެފަދައިން އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ ބިލުގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްސީލުތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހޯދުމުގެ ބާރު އެ އޮތޯރިޓީއަށް ވަނީ ލިބިދީފަ އެވެ. ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ. ކެޓަގަރީ އޭ އަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ބިލުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ. ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން ލިބޭ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.

ކެޓަގަރީ އޭ އަދި ބީ ގައި ނުހިމެނޭ ޓޫރިސްޓުން:

  1. 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
  2. 10 އަހަރު ނުފުރޭ ކުޑަކުދިން
  3. ހިލޭ ނުވަތް ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް
  4. ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުން
ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާ އެކައުންޓަކަށް ބޭރު ފައިސާ ޖަމާނުކުރާ ފަރާތްތައް އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.25 އިންސައްތައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ބޭރު ފައިސާ މާރުނުކުރާނަމަ އެ މަހަކު މާރުކުރަން ޖެހޭ ފައިސާގެ 0.5 އިންސައްތައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެ އެވެ. އެ ބިލުގެ އެހެން ކަމަކާ ހިލާފުވެއްޖެ ނަމަ އެ ފަރާތެއް 10,000 ރުފިޔާ އާއި އެއް މިލިއަނާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުން ޖޫރިމަނާ ދެއްކުމަށް އޮތޯރިޓިން އެންގި ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ދައްކާފައިނުވާނަމަ ވިޔަފާރީގެ ހުއްދަތައް ވަކި މުއްދަތަކަށް ހިފަހައްޓުމަށް ދައުލަތުގެ އިދާރާތަކަށް އެނގުމުގެ ބާރު އޮތޯރިޓީން ލިބިގެންވެ އެވެ. އަދި ޝަރީއަތަށް ހުށަހަޅައިގެން ޖޫރިމަނާ ފައިސާ ހޯދުމުގެ ބާރު ވެސް އޮތޯރިޓީއަށް ލިބިގެންވެ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ