މާލެ: 31°C

އިމިގްރޭޝަން ވޮޗަށް 1000 އަށްވުރެ ގިނަ މައްސަލަ

December 3, 2024
2 ފަހަރު ބަލާފައި
އިމިގްރޭޝަން ވޮޗަށް 1000 އަށްވުރެ ގިނަ މައްސަލަ
އިމިގްރޭޝަން ވޮޗަށް 1000 އަށްވުރެ ގިނަ މައްސަލަ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަައް ރިޕޯޓު ކުރުމަށް ހާއްސަކުރި އިމިގްރޭޝަން ވޮޗް ޕޯޓަލްއަށް މިހާތަނަށް 1،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން، އިމިގްރޭޝަން ވޮޗް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އިމިގްރޭޝަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބެއް އާންމުކޮށްފަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ބިދޭސީންނާ ގުޅޭ 1،017 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކާއި ވޯކް ވިސާ އާ ހިލާފުވުމުގެ މައްސަލަތަކެވެ. އެ ދެ ބާވަތުގެ 239 މައްސަލަ ހުށަހެޅިފައިވެ އެވެ. އެއަށްފަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަށި ވިއްކުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 65 މައްސަލަ ހުށަހަޅާފައިވެ އެވެެ. ތިންވަނައަށް ހުށަހަޅާފައިވަނީ ވަޒީފާއަށް ފިލުމުގެ މައްސަލަތަކެވެ. އެއީ 41 މައްސަލަ އެވެ.

އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ އިތުރު މައްސަލަތައް:

  1. ޓޫރިސްޓް ވިސާ އާ ހިލާފުވުން: 14
  2. އެމްޕްލޯޔަ ސްޕޮންސާ އާ ހިލާފުވުން: 12
  3. ވިސާގެ ބޭނުން ނަހަމައިން ކުރުން: 12
  4. އެކި ބާވަތުގެ ކުށް ކުރުން: 11
  5. މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުން: 10
  6. އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުން: 8
  7. ހިއުމަން ޓްރެފިކިން: 7
  8. ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުން: 7
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ހިންގާ ރެއިޑްތަކުގެ އިތުރުން މާސް ދެ އިންސްޕެކްޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިހާތަނަށް އެގޮތަށް އުޅެމުން އައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ